އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ބޮޑު ސިޓީ ޕޫނޭގައި ދިރިއުޅެމުންދިޔަ 38 އަހަރުގެ ޓެކްނޮލޮޖީ ދާއިރާގެ މުވައްޒަފެއް، އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވަމުންދާކަމަށް ޝައްކުކޮށް، އެ ދެމަފިރިންގެ 3 އަހަރާއި 6 މަހުގެ ދަރިފުޅު މަރާލައިފިއެވެ.

ޗަންދަން ނަގަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ކުޑަކުއްޖާގެ ކަރު ބުރިކޮށްލުމަށްފަހު ބޯވަނީ އެހެން ސަރަހައްދަކަށް އެއްލައިލާފައެވެ. އޭގެ ފަހުން ބައްޕަ ފެނުނީ ވަރަށް ބޮޑަށް މަސްތުވެފައި ހުރި ހާލުގައި ލޮޖެއްގެ ތެރެއިންނެވެ.

Ad
rt

ފުލުހުން ބުނާ ގޮތުގައި ފިރިމީހާ ޝައްކުކުރަނީ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވަމުންދާ ކަމަށެވެ. ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދެމަފިރިންގެ މެދުގައި ޒުވާބުކޮށް ތަޅާފޮޅުމެއް ހިނގިއެވެ. ރުޅިއައިސް، ބައްޕަ ވަނީ އޭނާގެ ކުޑަ ދަރިފުޅާއެކު ގެއިން ނުކުމެފައެވެ.

ގަޑިއިރުތަކެއް ވީފަހުން އަނބިމީހާވަނީ ޗަންދަން ނަގަރު ފުލުސް ސްޓޭޝަނަށް ގޮސް އޭނާގެ ފިރިމީހާއާއި ދަރިފުޅު ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ ސީސީޓީވީ ފޫޓޭޖްތަކުން އެނގުނު ގޮތުގައި ފިރިހެން މީހާ އެންމެ ފަހުން ދަރިފުޅާއެކު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގައެވެ.

ފުލުހުން މިހާރު ވަނީ ފިރިހެންމީހާ ހައްޔަރުކޮށް، މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައެވެ.

މި ހާދިސާއިން އެސިޓީގެ ޢާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމާ ބެހޭ ޖަމްޢިއްޔާތަކުން ވަނީ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފައެވެ.