ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވާއިރު، އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމިއޮތުމަށް އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތުމެވެ. ރައްޔިތުންގެ ފަރާތުން ބަސްބުނާނޭ ރައްޔިތުން ޚިޔާރުކުރާ މަންދޫބުންތަކެއް މުޖުތަމަޢު އަދި ރަށު ފެންވަރުގައި ތަމްސީލްކުރާގޮތައް ހަމަޖެހިގެން ދިޔުމަކީ ޑިމޮކްރަޓިކް ނިޒާމް ހަރުދަނާކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކެވެ.

ލޯކަލްކައުންސިލްއިންތިޚާބްގެ މުހިންމުކަން ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްއަކީ ރައްޔިތުން ޚިޔާރުކުރާ ބަޔަކު ރައްޔިތުންނާއެކު، ރައްޔިތުންގެ ތަޞައްވުރު ހާސިލް ކުރުމުގެ ފުރުސަތު އޮތުމެވެ. ލާމަރުކަޒުކުރުމުގެ ނިޒާމަކީ ދައުލަތުގެ އޮނިގަ ނޑުގެ ތެރެއިން މުޖުތަމަޢާއި ރަށު ފެންވަރުގައި ރައްޔިތުން ބޭނުންވާ ގޮތަށް އެރަށެއްގެ ނުވަތަ މުޖުތަމަޢެއްގެ ތަރައްގީގެ ކަންކަން ބައްޓަން ކުރުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.

Ad
rt

މުޖުތަމަޢުގެ ނުވަތަ ރަށު ފެންވަރުގައި ރައްޔިތުންގެ ކަންކަން އަމިއްލައަށް ނިންމުމަށް ހުޅުވޭ ދޮރަކީ ލާމަރުކަޒީ ނިޒާމެވެ. ލާމަރުކަޒީ ނިޒާމަކީ ގައުމަށް އެހާމެ މުހިންމު ނިޒާމަކަށް ވީހިނދު، އެނިޒާމް ހަރުދަނާކޮށް ބައްޓަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނިޒާމްވެސް ހަރުދަނާ ކުރެވިގެންނެވެ.

ދިރިއުޅެމުން ގެންދާ ދާއިރާއަށް ވޯޓް ނުދެވުމުގެ ސަބަބުން މާނަވީ މަންދޫބުން ނެތުން ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަ ނޑު މިހާރު އެކުލެވިފައިވާ ގޮތުން، އެދާއިރާއެއްގައި ވޯޓްލުމުގެ ހައްޤު ލިބިދީފައިވަނީ ހަމައެކަނި އެދާއިރާއެއްގައި ރަޖިސްޓްރީވެފައިވާ ރަށްވެހިންނަށެވެ. މިއާ ޚިލާފަށް، އެ މީހަކު ދިރިއުޅެމުން ގެންދާ ދާއިރާ ނުވަތަ ޚިދުމަތްހޯދަމުންގެންދާ ދާއިރާގައި ރަށްވެހިކަމުގެ ރަޖިސްޓްރީވެފައި ނެތްނަމަ އެދާއިރާގެ އިންތިޚާބްގައި ވޯޓް ދިނުމުގެ ހައްޤު ލިބިދީފައެއްނުވެއެވެ. މިކަމުގެ ސަބަބުން މާލެއާއި އެނޫންވެސް އެހެން ރަށްރަށުގައި ދިރިއުޅުން ބިނާވެފައިވާ، ވޯޓުލުމުގެ ހައްގުލިބިފައިވާ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް ވަނީ މާނަވީގޮތެއްގައި ލާމަރުކަޒީ އުސޫލުން ތަމްސީލުކުރާނެ މަންދޫބުންތަކުން މަހުރޫމްވެފައެވެ.

މިއީ ލާމަރުކަޒުކުރުމާއި ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަފްހޫމާއި ޚިލާފުކަމެކެވެ. އެދާއިރާއަށް ނިސްބަތްވާ ރަށްވެހިންނެކޭ އެއްފަދައިން، އެދާއިރާއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ނެތްނަމަވެސް، އެތަނެއްގައި ދިރިއުޅުން ބިނާވެފައިވާ ހުރިހާ ފަރާތްތަކަށް އެދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިދީފައި އޮތުމަކީ، އެ ފަރާތްތަކުގެ އަޑު ސީދާ ގޮތެއްގައި ތަމްސީލުކުރާނޭ މަންދޫބުން ލިބިގެންދާނެ ހަމަ އެކަނި ގޮތެވެ. މިއީ ލާމަރުކަޒު ކުރުމުގެ މައިގަނޑު އަސާސެވެ. އެކަމުގެ ސަބަބުން، އެފަދަ ފަރާތްތަކަށްވެސް، އެ މީހުންގެ ދިރިއުޅުމަށް އަސަރުކުރާ ނިންމުންތައް ނިންމާ ކައުންސިލުގެ މަސައްކަތްތައް ޖަވާބުދާރީ ކުރެވޭނެ ފުރުސަތު ލިބިގެންދާނެއެވެ.

ރަށްވެހިވެފައިވާ ދާއިރާއަށް ވޯޓްދިނުމުގެ ބަދަލުގައި ދިރިއުޅެމުންގެންދާ ނުވަތަ ހިދުމަތްހޯދަމުންގެންދާ ދާއިރާއަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލުމަށް، ގާނޫނީ އަދި އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެކަން ތަންފީޒު ކުރާނެކަމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ލާމަރުކަޒީ ޤާނޫން ފަހުން އިސްލާހު ކުރެވިގެން ދިޔައިރުވެސް މިކަމަށް ވަނީ ފަރުވާއެއް ލިބޭ ގޮތް ނުވެފައެވެ.

ދިރިއުޅެމުން ގެންދާ ދާއިރާއަށް ވޯޓް ނުދެވުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ޔަގީންނުވުން އެއީ އާންމުވެފައިވާ ޝަކުވާއެކެވެ. އުމުރުން 18 އަހަރުންމަތީ ކޮންމެ ދިވެހި ރައްޔިތަކަށްމެ އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްޤު ލިބިދޭކަމާއި އަދި މިވޯޓުތަކަކީ ސިއްރު ވޯޓްތަކަކަށް ވާންވާނެކަމަށް ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އިންތިޚާބުތަކުގައި ރައްޔިތުންނަށް ސިއްރުވޯޓެއް ލުމަކީ އަސާސީ ހައްގަކަށްވީހިނދު، ރިޔާސީ އިންތިހާބު ފިޔަވާ ދެން ބޭއްވޭ އާންމު އިންތިޚާބުތަކުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެންތަންތާގައި ވޯޓުލާ ބައެއް ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ގެއްލިގެން ދެއެވެ.

މިހެން ދިމާވަނީ، އެހެން ދާއިރާއެއްގެ އެކަކު ނޫނީ މަދު މީހަކު އެމީހުން ނިސްބަތް ނުވާ ދާއިރާއެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެ، މިހާރު އޮންނަ ގޮތަށް ވޯޓުލުމާއި ގުނަންޖެހޭތީއެވެ. ހާއްސަގޮތެއްގައި ރިސޯޓްތަކުގައާއި ސިނާއީ ސަރަހައްދުތަކުގައި ބަހައްޓާ ވޯޓްފޮށްޓަށް ވޯޓުލަނީ އެކިއެކި ދާއިރާތަކުގެ ރައްޔިތުންކަމަށްވާތީ މިފަދަތަންތާގައި ބައެއް ފަހަރު ވޯޓުލާ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަމެއް ނުހިފެހެއްޓެއެވެ.

ވޯޓު ލުމުގެ ހައްޤު ޔަގީން ކުރުމާއެކު، ވޯޓުގެ ސިއްރުކަން ދެމެހެއްޓުމަށް، ރަށްވެހިވެފައިވާ ދާއިރާ ނޫން އެހެން ތަނެއްގައި އުޅޭ ހުރިހާ ރައްޔިތުންނަށް އެ ރައްޔިތުންގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތަށް ވޯޓުލެވޭނެ ގޮތް
ހަދައި ގާނޫނީ އޮނިގަނޑުން ފުރުސަތު ހޯދައިދޭން ޖެހެއެވެ.

މިކަންތައްތަކަކީ ތަކުރާރުކޮށް ޓްރާންސްޕޭރެންސީ އަދި އާންމުފަރުދުން ފާހަގަކުރަމުންދާ ކަންކަމެވެ. އަދި ލާމަރުކަޒީ ނިޒާމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ނިޒާމް ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް ކުރުން މުހިންމު ކަންކަމެކެވެ.