ސޫދާނުގެ ވެރިރަށް ޚަރުޠޫމުގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރު، ސިފައިންގެ ބާރުގެ ދަށަށް އަނބުރާ ގެނެސްފިއެވެ.
މިއީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސް (އާރު.އެސް.އެފް) އާއި ސަރުކާރު ސިފައިންނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ލިބުނު ފުރަތަމަ މިފަދަ ބޮޑު ކާމިޔާބީއެވެ.
އަނަޑޯލޫ ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ސިފައިންގެ ބާރުތަކުން ޕެރަމިލިޓަރީ ގްރޫޕުގެ ފައިޓަރުން ބޭރުކޮށް ގަނޑުވަރުގެ ފުރިހަމަ ބާރު ހޯދާފައިވެއެވެ. ސިފައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުގައި، އާރު.އެސް.އެފް އާ ދެކޮޅަށް ހިންގި ގަދަ ހަނގުރާމައަކަށްފަހު ގަނޑުވަރަށް ވަދެގަތް މަންޒަރު ދައްކުވައިދެއެވެ.
ސޫދާނުގެ އިންފޮމޭޝަން މިނިސްޓަރު ޚާލިދު އަލީ އަލް-އީސިރު ވެސް ސިފައިން ގަނޑުވަރުގެ ބާރު ހޯދާފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ.
"މިއަދު ދިދަ ނެގިއްޖެ، ގަނޑުވަރު އަނބުރާ ލިބިއްޖެ، އަދި ފުރިހަމަ ކާމިޔާބީއާ ހަމައަށް ދަތުރު ކުރިއަށްދާނެ،" އޭނާ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ފާއިތުވި ހަފްތާތަކުގައި، ސޫދާނުގެ ސިފައިންގެ ބާރު އިތުރުވަމުން ދިޔުމާއެކު، ޚަރުޠޫމް، އަލް-ޖަޒީރާ، ވައިޓް ނައިލް، ނޯތު ކޯޑޮފާން، ސެންނާރު އަދި ބްލޫ ނައިލް ފަދަ ސްޓޭޓްތަކުގައި އާރު.އެސް.އެފްގެ ބާރު އަވަސް ދުވެލީގައި ކުޑަވަމުން ގޮސްފައިވެއެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސިފައިންނާއި އާރު.އެސް.އެފް އާ ދެމެދު ހިނގަމުންދާ މި ހަނގުރާމައިގައި 20,000 އަށްވުރެ ގިނަ މީހުން މަރުވެ، 14 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާކަމަށް އ.ދ އާއި އެ ޤައުމުގެ އިދާރާތަކުން ބުނެފައިވެއެވެ. ނަމަވެސް އެމެރިކާގެ ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު 130,000 އާ ގާތްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!