ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުނުކުރަށްވައި އަލުން ވިސްނެވުމަށް އަނބުރާ ފޮނުވާލެއްވުމާ ގުޅިގެން، އެ ބިލް އަލުން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މި ބިލަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށެވެ.

Ad
rt

މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 68 މެންބަރުންގެ ވޯޓުން މި ބިލު ފާސްކުރިއެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒު މި ބިލް އަނބުރާ ފޮނުވާލެއްވީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމް ދެއްވި ލަފާގެ މަތިންނެވެ. ބަންޑާރަ ނައިބުގެ ލަފާގައި ވިދާޅުވެފައިވަނީ މި ބިލު އޮތްގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް

އަނބުރާ ފޮނުވާލެވުނު ބިލް އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.

މި ހުށަހެޅުމަށް ވޯޓަށް އެހުމުން، 50 މެންބަރުންގެ ތާއީދާއެކު ފާސްވިއެވެ. އަދި 7 މެންބަރުން ވަނީ މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.