އުތުރު މެސެޑޯނިއާގެ ކޮޗާނީ ސިޓީގައި ހުރި ޕަލްސް ނައިޓްކްލަބުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 59 މީހުން މަރުވެ، 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ޕާންޗެ ޓޮޝްކޮވްސްކީ ހާމަކުރައްވައިފިއެވެ.

މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ޑީއެންކޭ ބޭންޑުގެ ކޮންސަރޓެއް ކުރިއަށްދަނިކޮށެވެ. އެ ވަގުތު ކްލަބުގެ ތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރަމުން ދިޔައެވެ. އިންޓީރިއަރ މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ޕައިރޯޓެކްނިކްސްގެ އަލިފާން ކްލަބުގެ ފުރާޅުގައި ޖެހުމުން، ފަސޭހައިން އަލިފާން ހިފާ މެޓީރިއަލްތަކުން ހަދާފައިވާ ފުރާޅުގައި އަލިފާން ރޯވެ، އަވަސް ސްޕީޑެއްގައި މުޅި ކްލަބަށް ފެތުރުނެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރުމަށް ވޮރަންޓް ނެރެފައިވާ ކަމަށް އިންޓީރިއަރ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން 7 ދުވަހުގެ ހިތާމައިގެ މުއްދަތެއް އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ސްލޮބޮޑެން ޕެޗަޓް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ހުރިހާ ނައިޓްކްލަބުތަކާއި ޕާޓީ ބާއްވާ ރެސްޓޯރަންޓްތައް އިންސްޕެކްޓްކުރުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އުތުރު މެސެޑޯނިއާގެ ވެރިރަށް ސްކޮޕްޖެއިން 100 ކިލޯމީޓަރު އިރުމަތީގައި އޮންނަ ކޮޗާނީ ސިޓީގައި ހިނގި މި ހާދިސާއަކީ އެ ގައުމުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް ބެލެވެއެވެ.