އެޕަލްގެ އެންމެ ތުނި ސްމާޓްފޯނަށް ވެދާނެކަމަށް ބެލެވޭ އައިފޯން 17 އެއަރގެ ވަރަށް މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެއެވެ.

ލީކްސްތަކުން ދައްކާގޮތުގައި މި ފޯނުގެ ބޯމިން ވަނީ އެންމެ 5.5 މިލިމީޓަރަށް ކަމަށްވާއިރު، އޭގެ ދިގުމިނާއި ފުޅާމިން އައިފޯން 17 ޕްރޯ މެކްސްއާ އެއްވަރުވާނެ ކަމަށް ބެލެވެއެވެ.

Ad
rt

އެކްސް (ކުރީގެ ޓްވިޓަރ) ގައި ޔުނިވަރސްއައިސް ހާމަކުރިގޮތުގައި މި ފޯނުގައި 6.9 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެއެވެ. އައިފޯން 16 ޕްރޯ މެކްސްގައި ހުންނަފަދަ ތުނި ބެޒަލްތަކެއް މި ފޯނުގައިވެސް ހުންނާނެއެވެ.

ފްލެގްޝިޕް މޮޑެލްތަކާ ޚިލާފަށް، އައިފޯން 17 އެއަރގައި ފަހަތުގައި ހުންނާނީ އެންމެ ކެމެރާއެކެވެ. އަދި މި ފޯނުގައި ޓައިޓޭނިއަމް ފްރޭމެއް ބޭނުންކުރާނެ ކަމަށްވެސް ބެލެވެއެވެ. ފޯނު ވީހާވެސް ތުނިކުރުމަށްޓަކައި ފިޒިކަލް ސިމް ސްލޮޓް ނައްތާލާނެ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

އައިފޯންގެ އައު ސީރީސްއެއް ކޮންމެ އަހަރަކުވެސް ނެރެމުންދާއިރު، މިއަހަރުގެ ފަހުކޮޅު މި ފޯނު ނެރުމަށް ހަމަޖެހިފައިވާކަމަށް ގިނަބަޔަކު ލަފާކުރެއެވެ.