ހަމާސްއިން ބުރާސްފަތި ދުވަހު އިސްރާއީލާ ހަވާލުކުރި ހަތަރު ހަށިގަނޑުގެ ތެރެއިން އެއް ހަށިގަނޑަކީ ހަމާސްއިން ބުނި ގޮތަށް ޝިރީ ބިބާސްގެ ހަށިގަނޑު ނޫންކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ހަވާލުކުރި ހަށިގަނޑުތަކުގެ ޑީއެންއޭ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން ދެ ހަށިގަނޑަކީ ބިބާސްގެ ދެ ދަރިން ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި އަނެއް ހަށިގަނޑަކީ 84 އަހަރުގެ ލިފްޝިޓްޒްގެ ހަށިގަނޑުކަންވެސް ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ރައީސް އިސްހާގު ހާޒޯގު ބުނީ މިއީ ހަމާސްއާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ "އެންމެ ބޮޑަށް" ޚިލާފުވި ޚިލާފުވުން ކަމަށެވެ.
އޭނާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވަނީ މިއީ އިސްރާއީލަށާއި އިންސާނީ ފުރާނައާއި ކަރާމާތަށް އަހަންމިއްޔަތުކަން ދޭ އެންމެންނަށް ހިތާމަވެރި ހެނދުނެއް ކަމަށެވެ.
ހަފުތާ ނިމުމުގެ ކުރިން އިތުރު 6 ރަހީނުން ދޫކޮށްލާނެކަމަށް ބެލެވޭ ކަމަށާއި، އިސްރާއީލުގެ ވާޖިބަކީ ރަހީނުކުރި އެންމެހާ ރައްޔިތުން އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށް ހާޒޯގު އެކްސްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!