އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ސީނިއަރ އޮފިޝަލަކު ލުބުނާނުގައި ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގެ ސައިޑާ ސަރަހައްދުގައި އިސްރާއީލުން ވެހިކަލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ބާރު ކަމަށްވާ ޤައްސާމް ބްރިގޭޑްގެ އިސް އޮފިޝަލަކު ޝަހީދުވެފައިވާކަން އެޖަމާޢަތުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

Ad
rt

ސައިޑާއަކީ ލުބުނާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާއިރު، އެސަރަހައްދަކީ ގިނަ އަދަދެއްގެ ފަލަސްޠީން ރެފިއުޖީން ދިރިއުޅޭ ސަރަހައްދެކެވެ. މީގެ ކުރިންވެސް އިސްރާއީލްއިން ވަނީ މިސަރަހައްދަށް ގިނަ ހަމަލާތަކެއް ދީފައެވެ.

ޤައްސާމް ބްރިގޭޑްގެ ބަޔާނުގައި، ޝަހީދުވި ހަމާސް އޮފިޝަލަކީ އެބައެއްގެ ލީޑަރޝިޕްގެ މުހިންމު މެންބަރެއްކަމަށް ބުނެފައިވާއިރު، އޭނާގެ ނަމާއި މަޤާމު ހާމަކޮށްފައެއް ނުވެއެވެ. އިސްރާއީލްގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން މިހާތަނަށް މި ހަމަލާއާއި ގުޅޭގޮތުން އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން ލުބުނާނުގެ ޕްރައިމް މިނިސްޓަރ ނަޖީބް މިކާތީ ވަނީ މިފަދަ ހަމަލާތައް އިތުރުވަމުން ދިއުމާއިމެދު ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމަށް ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އަލްޖަޒީރާގެ ރިޕޯޓުގައި ދައްކާފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ހަމަލާދިން ސަރަހައްދަށް ގިނަ އަދަދެއްގެ ސެކިއުރިޓީ ފޯސަސް އާއި އެމްބިއުލާންސްތައް ފޮނުވާފައިވާއިރު، ވެހިކަލް އެއްކޮށް ހަލާކުވެފައިވާ ކަމަށް ދައްކައެވެ.

މިފަދަ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ސަރަހައްދުތަކުގައި އާންމު ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވަމުންދާކަމަށް ސަރަހައްދުގެ ރިޕޯޓުތަކުން ދައްކައެވެ.