ޔުކްރެއިން އަކީ އެއްދުވަހަކުން ރަޝިޔާގެ ބައެއް ކަމުގައި ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިއީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައްދަލުކުރައްވަން ހަމަޖެހިފައިވަނިކޮށް ޓްރަމްޕް ދެއްވި ބަޔާނެއްގައެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ ޔުކްރެއިންއާއި ރަޝިޔާ އާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އަދި ހަމަ އެހެންމެ، އެމެރިކާއިން ޔުކްރެއިންއަށް ދޭ އެހީގެ ބަދަލުގައި އެ ގައުމުގެ ނޭޗުރަލް ރިސޯސަސް، ޚާއްސަކޮށް ރެއަރ މިނެރަލްސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޔުކްރެއިންގެ ރައީސް ޒެލެންސްކީ މިއަދު ވިދާޅުވީ ރައީސް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް ކުރިއަށްދާ ކަމަށެވެ. އަދި މިއަންނަ ހުކުރު ދުވަހު މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާގެ ނައިބު ރައީސް ވޭންސްއާ ބައްދަލުކުރައްވާނެ ކަމަށްވެސް އިއުލާން ކުރެއްވިއެވެ.
ރަޝިޔާއިން ޔުކްރެއިންއަށް ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެއެވެ. މި ހަނގުރާމައިގައި ޔުކްރެއިންގެ ސިފައިން ހަތިޔާރާއި މީހުންގެ ދަތިކަން ތަހައްމަލު ކުރަމުންދާއިރު، ރަޝިޔާގެ ސިފައިން ކުރިއަށް ދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔުކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން އެ ގައުމަށް ގިނަ އަދަދެއްގެ އަސްކަރީ އެހީތެރިކަން ދެމުން އައެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ހަމަލާ ފެށި އިރު އެމެރިކާއިން ޔުކްރެއިންއަށް ފުރިހަމަ އެއްބާރުލުން ދިނެވެ. އެހެންނަމަވެސް، އަލުން ވެރިކަމަށް އައި ރައީސް ޓްރަމްޕް ވަނީ މި ހަނގުރާމަ ނިންމުމަށް ނުވަތަ ޔުކްރެއިންއަށް ދޭ އެހީ މަދުކުރުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ ތިމަންމަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަ، މި ހަނގުރާމަ ނުހިނގާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!