ޣައްޒާ ހަނގުރާމަ ނިމުމުން އިސްރާއީލުން، ޣައްޒާ އެމެރިކާއާ ހަވާލުކުރާނެ ކަމަށާއި، އެމެރިކާ ސިފައިން ފޮނުވާކަށް ނުޖެހޭނެކަމަށް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ހަނގުރާމަ ނިމުމުން އިސްރާއީލުން ޣައްޒާ އެމެރިކާއާ ހަވާލުކުރާނެ ކަމަށާއި، އެ ސަރަހައްދުގެ އާބާދީ އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ ސިފައިން ޣައްޒާގައި ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ އިތުރަށް ބުނެފައިވެއެވެ.

Ad
rt

ޓްރަމްޕްގެ މި ހުށަހެޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޣައްޒާގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުރުސަތު ދިނުމަށް ސިފައިންނަށް އަމުރުކޮށްފައެވެ.

"ރައީސް ޓްރަމްޕްގެ ހިތްވަރުގަދަ ޕްލޭނަށް އަޅުގަނޑު މަރުހަބާ ކިޔަން، ޣައްޒާގެ ރައްޔިތުންނަށް އެތަން ދޫކޮށް ހިޖުރަކުރުމުގެ މިނިވަންކަން ދޭންވާނެ، ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަން ކުރާ ފަދައިން،" ކަޓްޒް ބުންޏެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް ވަނީ ޓްރަމްޕްގެ މި ހުށަހެޅުމަކީ "ފާހަގަކޮށްލެވޭ" ހުށަހެޅުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިސްރާއީލުގެ ގިނަ ރައްޔިތުންވެސް މި ހުށަހެޅުމަށް ތާއީދުކުރާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޓްރަމްޕް މި ހުށަހެޅުން ހުށަހެޅީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނީ ޣައްޒާގެ ރައްޔިތުން "މާ ރައްކާތެރި އަދި ރީތި ކޮމިއުނިޓީތަކަށް" ބަދަލުކުރެވި، "އައު އަދި މޮޑަން ގެތަކަށް" ބަދަލުކުރެވޭނެ ކަމަށެވެ.

ޓްރަމްޕްގެ މި ހުށަހެޅުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި މައްސަލައިގައި އިތުރު ކުރިއެރުންތައް އަންނާނެ ގޮތަކާމެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދެއެވެ.