މެލޭޝިއާގެ ބޮނީއޯގައި ގިނަ ދުވަސްތަކެއް ވަންދެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މަދުވެގެން 5 މީހުން މަރުވެ، އެތައް ހާސް މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެއްޖެއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަބާ އަދި ސަރަވަކް ސްޓޭޓްތަކަށް 700 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާއިރު، މެލޭޝިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ޖެނުއަރީ 31 އާ ހަމައަށް ވާރޭވެހޭނެކަމަށް އިންޒާރު ދީފައެވެ.

Ad
rt

ޕެޓްރޯނާސްގެ 9 ޓްރެއިން އެލް.އެން.ޖީ ކޮމްޕްލެކްސް ހުރި ބިންޓުލޫ ސަރަހައްދަކީ އެންމެ ބޮޑަށް ވާރޭވެހުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. ނަމަވެސް މި ފެންބޮޑުވުމުގެ ހާލަތުގައިވެސް ޕްލާންޓްގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

ލޯކަލް ނޫސްތަކުން މި ފެންބޮޑުވުން ސިފަކޮށްފައިވަނީ "ފަހުގެ އަހަރުތަކުގައި ދިމާވި އެންމެ ނުރައްކާތެރި ފެންބޮޑުވުން" ގެ ގޮތުގައެވެ. މިހާތަނަށް 5،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ދައްކާ ގޮތުގައި މުޅި އަވަށުގައި އޮތީ ފެންބޮޑުވެފައެވެ. ފެންގަނޑުތެރެއަށް މީހުން ގެނބޭތަން ފެނެއެވެ. އަދި ބައެއް މީހުން ފެނުގެ އޮއިވަރާއެކު ދަމާގަނެގެންގޮސް، އަދި ފުރާޅުތަކުގައި ބަޔަކު ތިބިތަން ފެނެއެވެ.

ކޮމާޝަލް ފޯކާސްޓަރ އެކިއުވެދަރގެ މޫސުމާބެހޭ މާހިރު ޖޭސަން ނިކޯލްސް ބުނި ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ބިންޓުލޫއަށް 800 މިލިމީޓަރާ ގާތްކުރާ މިންވަރަށް ވާރޭވެހިފައިވެއެވެ.