މަސްތުވާތަކެއްޗަކީ މިއަދު ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައިގެ ސަބަބުން ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ހަލާކުވެ، އާއިލާތައް ރޫޅި، މުޖުތަމަޢުގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
މަސްތުވާތަކެތީގެ ނުރައްކާތެރިކަމަކީ ވަރަށް ބޮޑު ކަމެކެވެ. މި ތަކެތި ބޭނުންކުރާ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބުމުގެ އިތުރުން، އޭގެ ނޭދެވޭ އަސަރު އާއިލާއާއި މުޖުތަމަޢަށްވެސް ކުރެއެވެ. މީގެ ސަބަބުން ވަޒީފާ އަދާކުރުމާއި އިޖްތިމާޢީ ޒިންމާތައް އުފުލުމަށް ދަތިވެ، އެހެނިހެން ކުށްތަކަށް މަގުފަހިވެގެން ދެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ދެނެގަތުމަށްޓަކައި ބައެއް ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ. މިގޮތުން ރައްޓެހިންގެ ބަދަލުވުން، ކިޔެވުމަށް އަންނަ ބަދަލު، ސާފުތާހިރުކަމަށް އަންނަ ބަދަލު، ގޭތެރޭގެ ގުޅުންތަކާ ދުރުހެލިވުން، ބަހުރުވައަށް އަންނަ ބަދަލު، ގިނަގިނައިން ފައިސާ ހޯދަން އުޅުން އަދި ގޭތެރޭގެ އަގުބޮޑު ތަކެތި ގެއްލުން ފަދަ ކަންކަމަށް ސަމާލުވާންވާނެއެވެ.
މީހަކު މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކުކުރެވޭނަމަ، އެމީހަކާ ވާހަކަދައްކައި، ސަބަބު ދެނެގަތުމަށް މަސައްކަތްކުރުން މުހިންމެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަން އަންގައިދީ، އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިކުރުވަން މަސައްކަތްކުރަންވާނެއެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ، ޕޮލިސް އިމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ޕޮލިސް ނޮން-އިމަރޖެންސީ ނަންބަރު 3322111 އަށް ގުޅައި އެކަން އަންގަންވާނެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި "މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި" މިގޮތަށް ބޭނުންކުރަނީ އަތުލެވޭ ތަކެތި ފޮރެންސިކް ލެބޯޓަރީގައި ޓެސްޓުކޮށް، ނަތީޖާ ލިބުމުން ނޫނީ ކަނޑައެޅިގެން މަސްތުވާތަކެތި ކަމަށް ނުބުނެވޭތީއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ މަޢުލޫމާތު ސިއްރުން ހިއްސާކުރެވޭނެ ގޮތްތައް ހުންނާނެއެވެ. މުޖުތަމަޢުގެ އެންމެންގެ އެއްބާރުލުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ އަމިއްލަ ފަރުދުންނަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. މީގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ފަރުވާދިނުމުގެ މަރުކަޒުތައް ޤާއިމުކުރުން ހިމެނެއެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެންމެ މުހިންމު އެއް ކަމަކީ ޒުވާނުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. މައިންބަފައިންގެ ލޯބިވާ ބެލެހެއްޓުމުގެ ދަށުގައި ކުދިން ބޮޑުވުމާއި، އިސްލާމީ ރިވެތި އަޚްލާޤު އުނގަންނައިދިނުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރަނގަޅު ފުރުޞަތުތައް ހޯދައިދިނުމަކީވެސް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!