މޮޒަމްބިކްގެ ވާދަވެރި ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާއެކުވެސް ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފިއެވެ.
ގާތްގަނޑަކަށް 1،500 ބައިވެރިންގެ ކުރިމަތީގައި ހުވާކުރެއްވި ޗަޕޯ، ވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވައުދުވެލައްވާފައެވެ. އެހެންނަމަވެސް، އިންތިޚާބުގައި ވޯޓު އޮޅުވާލުން އޮތްކަމަށް ބުނެ ކުރެވުނު މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެން.ޖީ.އޯ އަކުން ވަނީ ލަފާކޮށްފައެވެ.
އިންތިޚާބުގެ ކުރިން މާބޮޑަށް މަޝްހޫރުނޫން، 48 އަހަރުގެ ޗަޕޯ އަކީ ފްރެލިމޯ ޕާޓީގެ ކެންޑިޑޭޓެވެ. މަދު ބައެއްގެ ހާޒިރުގައި ބޭއްވުނު ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވަނީ ސަރުކާރުގެ މިނިސްޓްރީތައް މަދުކޮށް، ޒުވާނުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށާއި، ސިއްހަތާއި ތައުލީމަށް އިސްކަންދޭނެކަމަށް ވައުދުވެލައްވާފައެވެ.
ރަސްމިއްޔާތު ބޭއްވުނު އިންޑިޕެންޑެންސް ސްކުއަރ އާއި މާޕޫޓޯ ސިޓީގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ވަނީ މަގުތައް ބަންދުކޮށްފައެވެ.
މި ރަސްމިއްޔާތަށް ހާޒިރުވި މަދު ސަރުކާރު އިސްވެރިންގެ ތެރޭގައި ގައުމެއްގެ ރައީސަކަށް ހިމެނެނީ ހަމައެކަނި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!