ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި، މަޑުނުކޮށް ދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައެވެ.
އެކްސިޑެންޓުގައި އަނިޔާވި 63 އަހަރުގެ ފިރިހެނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ސައިކަލު ދުއްވި ފަރާތުން އެކްސިޑެންޓް ވުމާއެކު ސައިކަލު ދޫކޮށްލާފައި ވަނީ ފިލާފައެވެ.
ފުލުހުން ބުނާގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އަހަރު) އެވެ. އޭނާ ހައްޔަރުކުރެވުނީ އިއްޔެގެ ވަގުތެއްގައެވެ.
ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން މި މައްސަލަ ދަނީ ތަޙްޤީޤުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!