2024 ވަނަ އަހަރު 128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓުން ދަތުރުކޮށްފިއެވެ.

ރިޔާދުގައި ބޭއްވުނު 15 ވަނަ އެވިއޭޝަން ސެކްޓަރ ސްޓިއަރިންގ ކޮމިޓީގައި ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ސައުދީ އެރޭބިއާގެ އެއަރޕޯޓުތަކުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު 15 އިންސައްތަ އިތުރުވެ، 128 މިލިއަނަށް އަރާފައިވެއެވެ. މިއީ ކޮވިޑް-19 ކުރިން ހުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

އަދި 2024 ގައި ފްލައިޓްތަކުގެ އަދަދު 11 އިންސައްތަ އިތުރުވެ 902،000 އަށް އަރާފައިވާއިރު، ކޮނެކްޓިވިޓީ 16 އިންސައްތަ އިތުރުވެ، މިހާރު ހަފްތާއަކު 172 މަންޒިލަކަށް ދަތުރުތައް ކުރެވެއެވެ. އެއާކާގޯގެ ދާއިރާއިންވެސް 34 އިންސައްތައިގެ ކުރިއެރުމެއް ފެނި، 2024 ގައި 1 މިލިއަން ޓަނަށްވުރެ ގިނަ މުދާ އުފުލާފައިވެއެވެ.

ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސަރވިސަސްގެ ވަޒީރު ސާލެހް އަލް-ޖާސިރު ވިދާޅުވި ގޮތުގައި މި ކުރިއެރުންތަކަކީ ނެޝަނަލް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސްޓްރެޓެޖީގެ ދަށުން ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ލިބޭ ކުރިއެރުންތަކެކެވެ. އަދި 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ސައުދީ ތައްޔާރުވަމުންދާއިރު، މި ކުރިއެރުންތަކަކީ ވަރަށް މުހިންމު ކުރިއެރުންތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ގަކާ)ގެ ރައީސް އަބްދުލްއަޒީޒް އަލް-ދުއައިލެޖް ވިދާޅުވި ގޮތުގައި މި ކުރިއެރުންތަކަކީ 2023 އަދި 2024 ވަނަ އަހަރު ވިޒަން 2030ގެ ދަށުން ސައުދީ އޭވިއޭޝަން ސްޓްރެޓެޖީ ތަންފީޒުކުރުމުގައި މުޅި ދާއިރާގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއެކެވެ.