އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗާޑްގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ރޭ ދިން ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަމަލާދިން 18 މީހުންނާއި ސިފައިންގެ މީހަކެވެ. މި ހަމަލާ ދިން ވަގުތު ރައީސް މަހަމަތު ދެބީ އިޓްނޯ ހުންނެވީ ގަނޑުވަރުގައި ކަމަށް ޗެޑްގެ ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުގެ މީޑިއާއިން މިއަދު ހާމަކުރި ގޮތުގައި މި ހަމަލާގައި 6 މީހުން ހައްޔަރުކުރެވިފައިވާއިރު، ސިފައިންގެ 3 މީހަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ.
ޗެޑްގެ ފޮރިން މިނިސްޓަރު އަބްދެރަމަން ކޫލަމަލާ ވިދާޅުވި ގޮތުގައި މިވަގުތު ހާލަތު ވަނީ ފުރިހަމައަށް ކޮންޓްރޯލްކުރެވިފައެވެ. އަދި ބިރުވެރިކަމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޤައުމުގެ ފޮރިން މިނިސްޓަރު ސަރުކާރުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ހަމަލާދިން މީހުންނަކީ ވެރިރަށް އެންޖަމީނާގެ ޒުވާނުންކަމަށްވާއިރު، އެމީހުންނަކީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ އަވާގައި ޖެހިފައިވާ މީހުންނެވެ. އަދި މިއީ ޓެރަރިސްޓް ހަމަލާއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަމަލާ ދިން ދުވަހަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގ ޔީ ޗާޑަށް ޒިޔާރަތްކުރެއްވި ދުވަހެވެ. އެމަނިކުފާނު ވަނީ ރައީސް ދެބީއަށް ޤާނޫނީ އިންތިޒާމްތައް އަލުން ގާއިމްކުރެއްވި ކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ.
މި ހަމަލާއާ ގުޅިގެން، ބޯކޯ ހަރާމްގެ ހަމަލާއެއްކަމަށް ބުނެ އޮންލައިންގައި ޚަބަރުތަކެއް ފެތުރުނެވެ. ބޯކޯ ހަރާމް އަކީ ނައިޖީރިއާގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްލާމިކް ހަރުކަށި ޖަމާއަތެކެވެ.
18 މިލިއަން މީހުން ދިރިއުޅޭ ޗާޑްގައި، މިވަގުތު ސިޔާސީ ހަލަބޮލިކަން އޮތީ އިތުރުވެފައެވެ. ރައީސް ދެބީ ވެރިކަމަށް އައީ 2021 ގައި އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން، އިންތިގާލީ ރައީސެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!