ސީރިއާގެ އައު ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޤަތަރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ޤަތަރުގެ އެހީތެރިކަމާއެކު މުވައްޒަފުންގެ މުސާރަ 400 އިންސައްތަ އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

Ad
rt

ބަޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު ޑިސެމްބަރު 8 ގައި ވެރިކަމާ ހަވާލުވި ހަޔަތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ވަނީ ކޮށްފައެވެ. މުސާރަ ބޮޑުކުރުމަށް މަހަކު 120 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސީރިއާގެ އައު މާލީ ވަޒީރު ވަނީ ބުނެފައެވެ.

އެމެރިކާއިން އިއްޔެ ނެރުނު ޚާއްސަ ހުއްދައެއްގެ ދަށުން، 6 މަސްދުވަހުގެ މުއްދަތަށް ސީރިއާގެ ސަރުކާރާއެކު މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. މިކަމަށް އެހެން އަރަބި ގައުމުތަކުން ވެސް އެހީތެރިވުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޑިޕްލޮމެޓުން ބުނެއެވެ.

ގަތަރުން މިހާރު ވަނީ ދިމިޝްގުގައި އަލުން އެމްބަސީ ހުޅުވައި، ސީދާ ވައިގެ ދަތުރުތައް ފަށާފައެވެ. އަދި ސީރިއާގެ އައު ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށް އިސް ވަފުދުތަކެއް ވެސް ވަނީ ފޮނުވާފައެވެ.

ސަޢޫދީ އަރަބިއްޔާއިން ވެސް ސީރިއާއަށް އެހީތެރިވުމަށް އެހެން ގައުމުތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށް ސަޢޫދީ އޮފިޝަލެއް ވަނީ ބުނެފައެވެ. މިވަގުތު އެގައުމުގެ އެހީތެރިކަން އަމާޒުވަނީ ކާބޯތަކެއްޗާއި މެޑިކަލް ސަޕްލައިސް ފަދަ އިންސާނީ އެހީއަށް ކަމަށް އެ އޮފިޝަލް ބުނެއެވެ.