އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ހެނދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ރައީސް އޮފީހުގައެވެ.

Ad
rt

ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމެއްގައި، ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ފަރާތުން ރައީސް ތަހުނިޔާ ކިޔުއްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، މިހާރު އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުން ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.