އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ކުންފުންޏެއް ކަމުގައިވާ ޖެޓްބްލޫއަށް 2 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓު(ޑީއޯޓީ)ން ނިންމައިފިއެވެ.

ޑީއޯޓީ އިން ބުނީ މިއީ އެއަރލައިންގެ ފްލައިޓްތައް ގަވާއިދުން ލަސްވަމުން ދިއުމާ ގުޅިގެން ކުރެވުނު ޖޫރިމަނާއެއް ކަމަށެވެ.

Ad
rt

މިއީ ގަވާއިދުން ފްލައިޓްތައް ލަސްވުމާ ގުޅިގެން އެއްވެސް އެއަރލައިނަކަށް ޑީއޯޓީން ކުރި ފުރަތަމަ ޖޫރިމަނާ ކަމުގައިވާއިރު، ޑީއޯޓީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޖޫރިމަނާގެ ތެރެއިން 1 މިލިއަން ޑޮލަރު ދޫކުރެވޭނީ ފްލައިޓްތައް ލަސްވުމުގެ ސަބަބުން އަސަރުކުރި ނުވަތަ ކުރިއަށް އޮތް އަހަރު ތެރޭގައި އަސަރުކުރާނެ ޖެޓްބްލޫގެ ކަސްޓަމަރުންނަށެވެ. އަދި ބާކީ ދެބައިކުޅައެއްބައި ދޫކުރެވޭނީ އެމެރިކާގެ ޚަޒާނާއަށެވެ.

ޑީއޯޓީން އިތުރަށް ބުނެފައިވަނީ، އެހެން އެއަރލައިންތަކުން ވެސް "ޙަޤީޤަތާ ޚިލާފު ފްލައިޓް ތާވަލުތައް" އެކުލަވާލުމާ ގުޅޭގޮތުން ތަޙުޤީޤުތައް ކުރިއަށްދާ ކަމަށެވެ.

ޑީއޯޓީގެ ސެކްރެޓަރީ ޕީޓް ބުޓިޖެޖް ވިދާޅުވެފައިވަނީ، "ޤާނޫނާ ޚިލާފަށް ގަވާއިދުން ފްލައިޓްތައް ލަސްވުމުގެ ސަބަބުން ދަތުރުވެރިންނަށް އިތުބާރު ކުރެވޭ ޚިދުމަތެއް ނުލިބޭ ކަމަށެވެ. މި ފިޔަވަޅުން މުޅި އެއަރލައިން އިންޑަސްޓްރީއަށް އިންޒާރު ދޭ ކަމަށާއި، މީގެ ބޭނުންވަނީ އެމީހުންގެ ފްލައިޓް ތާވަލުތަކުގައި އިތުބާރާއި ޔަޤީންކަން އުފެއްދުން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޑީއޯޓީގެ ތަޙުޤީޤުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް، ޖެޓްބްލޫއިން ހަތަރު ފްލައިޓެއް މަދުވެގެން 145 ފަހަރު ގަވާއިދުން ލަސްވެފައިވެއެވެ. މީގެ ތެރޭގައި ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓާއި ރާލީ-ޑަރހަމް (ނޯތު ކެރޮލައިނާ) އާ ދެމެދު ކުރާ ދަތުރުތައްވެސް ހިމެނެއެވެ. މި ފްލައިޓް ގަވާއިދުން ލަސްވަމުންދާތީ ކުރިން ވެސް ޖެޓްބްލޫއަށް އިންޒާރު ދީފައިވާ ކަމަށް ޑީއޯޓީން ބުނެފައިވެއެވެ.