ޔުކްރެއިންގެ އެންމެ ބޮޑު މޯބައިލް އޮޕަރޭޓަރ ކަމުގައިވާ ކީވްސްޓާރުން އީލޮން މަސްކްގެ ސްޓާލިންކާއެކު ޑައިރެކްޓް-ޓު-ސެލް ސެޓެލައިޓް ކަނެކްޓިވިޓީ ތަޢާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކީވްސްޓާރުގެ މައި ކުންފުނި ވިއޮންއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ޑައިރެކްޓް-ޓު-ސެލް ޑިވައިސްތައް ގުޅިފައިވަނީ މޯޑަމްތަކާއެކު ހަރުކޮށްފައިވާ ސެޓެލައިޓްތަކަށެވެ. މި މޯޑަމްތައް މަސައްކަތްކުރަނީ ސެލްފޯނު ޓަވަރެއްގެ ގޮތުގައެވެ. އަދި މި ޓަވަރުތަކުން ފޯނުގެ ސިގްނަލްތައް ސީދާ ސްމާޓްފޯނުތަކަށް ފޮނުވައެވެ.

Ad
rt

ކީވްސްޓާރުން އުންމީދުކުރާ ގޮތުގައި މެސެޖިންގ ޚިދުމަތާއެކު ޑައިރެކްޓް-ޓު-ސެލް ޚިދުމަތް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފެށޭނެއެވެ. މީގެ އިތުރުން، އަޑާއި ޑޭޓާގެ ޚިދުމަތްތައް ފަހުގެ މަރުހަލާތަކުގައި ތަޢާރަފުކުރާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި އެއްބަސްވުމުގެ މާލީ ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ.

ސްޕޭސްއެކްސްގެ ދަށުން ހިންގާ ސްޓާލިންކުން މިހާރުވެސް ހަނގުރާމައިގެ ތެރޭގައިވާ ޔުކްރެއިނަށާއި އެ ޤައުމުގެ ސިފައިންނަށް މުހިންމު އިންޓަނެޓް ކަނެކްޓިވިޓީ ފޯރުކޮށްދެއެވެ. އަދި މި އަހަރުގެ ކުރީކޮޅު ޑައިރެކްޓް-ޓު-ސެލް ޤާބިލުކަން ލިބިފައިވާ ފުރަތަމަ ސެޓެލައިޓްތައް ވަނީ ދޫކޮށްފައެވެ.

ސްޓާލިންކުން ވަނީ އެމެރިކާއާއި ޖަޕާނާއި ނިއުޒީލަންޑް ހިމެނޭ ގޮތަށް އަށް ޤައުމެއްގައި ޑައިރެކްޓް-ޓު-ސެލް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ސްޓާލިންކްގެ ވެބްސައިޓުގައިވާ ގޮތުން، ޔުކްރެއިނަކީ ދުނިޔޭގައި ޑައިރެކްޓް-ޓު-ސެލް ކަނެކްޓިވިޓީ ލިބޭ ފުރަތަމަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމާއެކު، މި ޓެކްނޮލޮޖީ ތަޢާރަފުކުރާ ފުރަތަމަ ހަނގުރާމައިގެ ސަރަހައްދުވެސް މެއެވެ.

ރަޝިޔާއިން ވަނީ 2022 އިން ފެށިގެން ޔުކްރެއިންގައި ސްޓާލިންކް ސެޓެލައިޓްތަކާއި ބިމުގައި ހުންނަ ޓާމިނަލްތަކާ ދެމެދު ހުންނަ ސިގްނަލްތައް ހުއްޓުވުމަށް މަސައްކަތްކުރަން ފަށާފައެވެ.

މި އެއްބަސްވުން އައިސްފައިވަނީ ސްޓާލިންކްގެ ވެރިފަރާތް އީލޮން މަސްކް އެމެރިކާގެ އަންނަން އޮތް ޓްރަމްޕް އިދާރާއާއި އޭގެ ޔުކްރެއިން ސްޓްރެޓެޖީއާ ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ.