ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ" އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ" އެވެ.

Ad
rt

މި ބަދަލުތަކާ ގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލުމަށްފަހު، އެ މިނިސްޓްރީގެ ދަށުން ކުރަމުން އައި ބައެއް މަސައްކަތްތައް އެހެނިހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކުރެވިފައިވެއެވެ. މީގެ ތެރޭގައި ޕްލޭނިންގގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ދަށަށް ބަދަލުކުރެވުނު އިރު، ގެދޮރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައިވެއެވެ.

މީގެ އިތުރުން، ހައުސިންގ މިނިސްޓްރީ އުވާލުމާ ގުޅިގެން، އެ ވުޒާރާގެ މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓް އެންޑް ލޭބަރގެ މަޤާމަށް އައްޔަންކުރެވިފައެވެ. އަދި އެ މަޤާމުގައި މިހާތަނަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ބަދަލުކުރެވިފައެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިންގުން ހަލުވިކުރުމުގެ މަޤްޞަދުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.