ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ.

މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

Ad
rt

ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމެވެ. މީގެ ތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް ފަދަ ދާއިރާތައް ކުރިއެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޮޖީތައް ހޯދުމާއި، އެކަންކަމަށް އަހުލުވެރިވެ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުން ހިމެނެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ޤައުމަށް ޚިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން."

އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަހުމީ ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތަޢުލީމީ ޒުވާނުންނާއި، ކުންފުނީގެ ވަސީލަތްތަކާއި ޤާބިލުކަން މި މަސައްކަތަށް އެހީތެރިވެދޭނެއެވެ.

މި ފައުންޑޭޝަން އުފެދުމާއެކު، ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާއަށް އައު ހިތްވަރަކާއި ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.