ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސްއިން އިތުރު 23 ސްޓާލިންކް ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ފޮނުވައިފިއެވެ. މި ސެޓެލައިޓްތައް ފޮނުވާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައެވެ.

ސްޕޭސްއެކްސްގެ ފާލްކަން 9 ރޮކެޓް މެދުވެރިކޮށް މި ސެޓެލައިޓްތައް ޖައްވަށް ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުންނެވެ. މި މިޝަނަކީ ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރޮކެޓް ދަތުރުކުރަމުން ދިޔައިރު އުޑުމަތި އަލިވެގެން ދިޔަކަމަށް މަންޒަރުދުށް ގިނަ ބަޔަކު ބުނެފައިވާ ކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.

Ad
rt

މި މިޝަންގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ފާލްކަން 9 ރޮކެޓްގެ ފުރަތަމަ ސްޓޭޖް އަނބުރާ ބިމަށް ގެނެވުނު ކަމެވެ. ރޮކެޓް ދަތުރު ފެށި ތާ 8 މިނެޓާއި 30 ސިކުންތު ފަހުން ރޮކެޓްގެ ފުރަތަމަ ސްޓޭޖް ވަނީ ކަނޑުމަތީގައި ހުރި "އޭ ޝޯޓްފޯލް އޮފް ގްރެވިޓަސް" ނަމަކަށް ކިޔާ ޑްރޯން ޝިޕްގައި ޖައްސާފައެވެ. މި ރޮކެޓް ކުރިން ބޭނުންކޮށްފައިވަނީ އެން.އޯ.އޭ.އޭގެ މިޝަނެއްގައި ކަމަށް ސްޕޭސްއެކްސްއިން ބުނެފައިވެއެވެ.

މި މިޝަންގައި ފޮނުވުނު 23 ސެޓެލައިޓްގެ ތެރެއިން 13 ސެޓެލައިޓްގައި ވަނީ ސީދާ މޯބައިލް ފޯނުތަކަށް ގުޅޭ ޓެކްނޮލޮޖީ ހަރުކޮށްފައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އާންމު މޯބައިލް ފޯނުތަކަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހި ސީދާ ސެޓެލައިޓުން ގުޅޭނެއެވެ. މިއީ އާންމު މުވާސަލާތީ ވިއުގަތައް ނުލިބޭ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމެއް ކަމަށް ސްޕޭސްއެކްސްއިން ބުނެފައިވެއެވެ.

2024 ވަނަ އަހަރު ސްޕޭސްއެކްސްއިން ކުރި ދަތުރުތަކުގެ 70 އިންސައްތައަކީ ސްޓާލިންކް ސެޓެލައިޓްތައް ފޮނުވުމަށް ކުރި ދަތުރުތަކެވެ. މިހާރު ދުނިޔޭގެ އޯބިޓްގައި 6,800 އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް ވާއިރު، އޭގެ ތެރެއިން 350 އަކީ ސީދާ މޯބައިލް ފޯނުތަކަށް ގުޅޭ ސެޓެލައިޓްތަކެވެ. ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ފޮނުވާ ސެޓެލައިޓްތަކުގެ ބޭންޑްވިތު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.