ސީރިއާގައި ދެ ނޫސްވެރިން މަރާލުމާ ގުޅިގެން މިނިވަން ތަޙުޤީޤެއް ހިންގުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރް.އެސް.އެފް) އިން ގޮވާލައިފިއެވެ. މިދެ ނޫސްވެރިންނަކީ އިނާމު ލިބިފައިވާ ސީރިއާގެ ނޫސްވެރިއެއް ކަމަށްވާ އަނަސް އަލްޚަރބޫޓްލީ އާއި ފޯކަސް އަލެޕޯ ނިއުސް ވެބްސައިޓްގެ ނޫސްވެރިއެއް ކަމަށްވާ މުސްތަފާ އަލްކުރުދީ އެވެ.
އަނަސް އަލްޚަރބޫޓްލީ މަރުވެފައިވަނީ ބުދަ ދުވަހު ހުޅަނގު ސީރިއާގައި ބަޝާރު އަލް-އަސަދުގެ ސަރުކާރުން ދިން ވައިގެ ހަމަލާއެއްގައެވެ. އަދި މުސްތަފާ އަލްކުރުދީ މަރުވެފައިވަނީ ފާއިތުވި ހަފުތާގައި އަލެޕޯގައި އަސަދުގެ ސަރުކާރުގެ ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.
"މީޑިއާގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެކެވެ،" އާރް.އެސް.އެފް އާއި ސީރިއަން ސެންޓަރ ފޯ މީޑިއާ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން (އެސް.ސީ.އެމް) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އާރް.އެސް.އެފްގެ މެދު އިރުމަތީ ޑެސްކްގެ ވެރިޔާ ޖޮނަތަން ޑަގަރ ވިދާޅުވީ މި ހަނގުރާމަ ދިގުލައިގެން ދާނެކަމަށް ފެންނާތީ، ނޫސްވެރިންނަށް އިތުރު އަނިޔާތައް ލިބިދާނެކަމުގެ ބިރު އޮތް ކަމަށެވެ. އަދި މި ދެ ނޫސްވެރިން މަރާލާފައިވަނީ ނޫސްވެރިންގެ ގޮތުގައި ދެނެގަނެ އަމާޒުކޮށްގެން ކަމަށްވާނަމަ، އެއީ ހަނގުރާމައިގެ ކުށެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2011 ވަނަ އަހަރު ސީރިއާގެ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 194 ނޫސްވެރިން ވަޒީފާ އަދާކުރަމުން ދަނިކޮށް މަރުވެފައިވާކަން ޑަގަރ ފާހަގަކުރެއްވިއެވެ.
އެސް.ސީ.އެމްގެ ޕްރޮގްރާމް މެނޭޖަރ ޔާރާ ބަދަރ ވިދާޅުވީ ހަނގުރާމައެއްގައި ބައިވެރިވާ އެއްވެސް ފަރާތަކަށް ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ޒިންމާ އުފުލުމުން ރެކިގަނެވޭނެ ގޮތެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!