ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ ބޯޑުން އީރާނާ ދެކޮޅަށް ފާސްކުރި ޤަރާރަށް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން މަރުޙަބާ ކިޔައިފިއެވެ.
މި ހަތަރު ގައުމުން ބުނީ، މި ޤަރާރަކީ އީރާނުގައި ހުރި ނިއުކްލިއަރ މެޓީރިއަލްތަކާ ގުޅޭ ގޮތުން ދިގު މުއްދަތެއް ވަންދެން ޖަވާބުދާރީ ނުވެ ހުރި މައްސަލަތަކަށް ޖަވާބު ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.
މި ހަތަރު ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްޙަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ކަށަވަރު ކުރުމަށް އައި.އޭ.އީ.އޭއަށް ބޭނުންވާ މަޢުލޫމާތާއި އެއްބާރުލުން އީރާނުން ދިނުމަށް އިންކާރު ކުރަމުންދާތީ މި ޤަރާރު ފާސްކުރެވުނީ ކަމަށެވެ. އަދި ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެން.ޕީ.ޓީ) ގެ ދަށުން އީރާނުން އައި.އޭ.އީ.އޭއަށް އެއްބާރުލުން ދިނުމަކީ އެ ގައުމުގެ ޤާނޫނީ ޒިންމާއެއް ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި ޤަރާރާ ގުޅިގެން އީރާނުން ވަނީ އިތުރު އާ ސެންޓްރިފިއުޖްތަކެއް ހަރަކާތްތެރި ކުރާނެ ކަމަށް ބުނެފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީއާއި އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައި.އޭ.އީ.އޭގެ ބޯޑުން ފާސްކުރި ޤަރާރަށް ރައްދު ދިނުމުގެ ގޮތުން "އެކި ބާވަތްތަކުގެ އާ އަދި ޒަމާނީ ސެންޓްރިފިއުޖްތަކެއް" ހަރަކާތްތެރި ކުރުމަށް އީރާނުގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަނުގެ ވެރިޔާ އަމުރު ކުރައްވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!