އިނގިރޭސިވިލާތުގެ ސިޓީއެއް ކަމުގައިވާ ގްލޮސެސްޓަރޝަޔަރ ފުލުހުންގެ އޮފިސަރަކު ފަލަސްތީނުގެ ހަމާސްއަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިކަމަށް އެ ޤައުމުގެ ޓެރަރިޒަމް މަނާކުރުމާ ބެހޭ އިދާރާތަކުން މަޢުލޫމާތު ދީފިއެވެ.

ގްލޮސެސްޓަރޝަޔަރ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 30 އަހަރުގެ އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ އޭނާގެ ގެއާއި އުޅަނދު ބަލައި ފާސްކުރުމަށް ފަހު، 2000 ވަނަ އަހަރުގެ ޓެރަރިޒަމް އެކްޓްގެ 12 ވަނަ މާއްދާއާ ޚިލާފަށް މަނާކޮށްފައިވާ ޖަމާޢަތެއް ކަމަށްވާ ހަމާސް އަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި ކަމަށެވެ.

Ad
rt

ގްލޮސެސްޓަރޝަޔަރ ފުލުހުންގެ އެސިސްޓެންޓް ޗީފް ކޮންސްޓެބަލް އާމަން މެތިސަން ވިދާތިސަން ވިދާޅުވީ މި ބަލައި ފާސްކުރުމަކީ އިލެކްޓްރޯނިކް ވަސީލަތްތައް ހޯދައި ތަޙްލީލުކުރުމަށް ކުރެވުނު ތަޙްޤީޤެއްގެ ބައެއް ކަމަށެވެ.

"މިފަދަ ސީރިއަސް ކުށެއްގެ ތުހުމަތުގައި ޚިދުމަތުގައި ހުރި އޮފިސަރަކު ހައްޔަރުކުރުމަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ކަންބޮޑުވުން އުފެދޭނެ ކަމެއް. އަދި ގްލޮސެސްޓަރޝަޔަރ ފުލުހުންގައި މަސައްކަތްކުރާ އެންމެންނަށްވެސް އެކަން އެނގޭ،" އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގެ އަވަސް އިތުރު ތަހުގީގެއް ކުރުމަށް ހަމަޖެހިފައިވާއިރު އަދި މިހާ ހިސާބުން އަޅުގަނޑުމެން އެއްވެސް ނިންމުމަކަށް ވާސިލުވެގެން ނުވާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ހައްޔަރުކުރުމަށްފަހު، އެ އޮފިސަރު ވަނީ ކައުންޓީން ބޭރުގައި ހުރި ފުލުހުންގެ ބަންދު މަރުކަޒަކަށް ބަދަލުކޮށްފައެވެ.

މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާޢަތަކަށް އެހީތެރިވެދިނުމަކީ ޓެރަރިޒަމް އެކްޓްގެ 12 ވަނަ މާއްދާގެ ދަށުން ކުށެކެވެ. މި ކުށަށް އެންމެ ގިނަވެގެން 14 އަހަރުގެ ޖަލު ޙުކުމެއް ނުވަތަ ޖޫރިމަނާއެއް ކުރެވިދާނެއެވެ. ހަމާސްއަކީ 2021 ވަނަ އަހަރުން ފެށިގެން ޔޫކޭގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.