"ދިރިއުޅުމަކީ މިއީބާ" ގެ މަސްޙޫރު އެކްޓަރ ޔޫސޭ ރާއްޖެ ދޫކޮށް ފުރައިފިއެވެ. ދެން އަންނާނީ "އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން" ކަމަށް ޔޫސުފް ރަފީއުގެ ރަސްމީ ފޭސްބުކް ޕޭޖްގައި އަދި ޓުވިޓަރ ގައި ޕޯސްޓްކުރި ކުރު ވީޑިއޯ އެއްގައި އެއިނާ ބުނެފައިވެއެވެ.
މުޖުތަމައުގެ ތަފާތު މައްސަލަތަކަށް އަލިއަޅުވާލާ ތަފާތު އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް މަޖާޒީގޮތަކަށް މީހުން ހޭލުންތި ކުރުމުގައި ގިނަދުވަހު ޚިދުމަތް ކޮށްފައިވާ ޔޫސޭ މިހާރުވެސް އަންނަނީ އެދުވަސް ވަރާ ގުޅޭ ގޮތުން ކުރު ވީޑިއޯ އަދި ފޭސްބުކް ލައިވް ގެނެސްދެމުން ނެވެ.
އެގޮތުން މިފަހަރު ނެރެފައިވާ ވީޑިއޯގައި ފެންނަނީ ލޯންޗެއްގައި އޭނާ ދަތުރުކުރަމުންދާ މަންޒަރެވެ.
ޔޫސޭ ދަތުރު ކުރަމުން ދިޔައީ ރުޅިއައިސް ހިތްހަމަނުޖެހި ދެރަވެފައި ހުރެ ރާއްޖޭގައި ދެން ހުންނަން އެއްގޮތަކަށް ވެސް ބޭނުންނުވާތީ ކަމަށް ބުނަމުންނެވެ.
"އަހަރެން ދާ ތަން ބަލާނެ ކަމެއް ނެތް. އަހަރެން ބޭނުމެއް ނޫން އެއްގޮތަކަށް ވެސް ރާއްޖޭގައި ހުންނާކަށް،" އެއް މިނިޓާއި 17 ސިކުންތުގެ ވީޑިއޯގައި، ރުޅިގަދަވެފައިހުރެ އޭނާ ބުނެ އެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫސޭ ބުނެފައިވަނީ
"ވިސްނާލަ ބަލަ! ކުޑަކުޑަ ކުއްޖެއް! އޭނާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ، ދެން މިހާ ހިސާބަށް ގައުމު ދިޔައިމަ ދެން ކީއްކުރަން މިތަނުގައި ހުންނަނީ؟"
ޔޫސޭ ބުނެ އެވެ.
މީގެ އިތުރުން މިވީޑިއޯގައި އެއިނާ ބުނީ ރޭގައި ވެސް ޓީވީ ހުޅުވާލި އިރު އަހަންނަށް ފެނުނު މަންޒަރުތަކާއި، އިވޭ އަޑުތަކާ އެއްޗެހިން އެއްގޮތަކަށް ވެސް މި ގައުމުގައި މިހާރު ހުންނާކަށް ބޭނުން ނޫންކަމަށެވެ.
ޔޫސޭގެ މިސްރާބު މިހާރު ހުރީ، "ބަރުމާ ކައިރީގައި އޮންނަ ރަށަކާ" ދިމާލަށެވެ. އޭނާ ބުނީ ރާއްޖެ ދެން އަންނާނީ "އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން" ކަމަށެވެ.
ނަމަވެސް އެ ދުވަހަކުން އޭނާ އެނބުރި އަންނަ އިރު، މިހާރު ރާއްޖޭގެ ހާލަތަށް ބަލާ ނަމަ، އޮންނާނީ މުޅިން އެހެން ގޮތަކަށް ކަމަށް ސިފަކުރަމުން ބުނެފައިވަނީ
"އަންނަ އިރު އަހަންނަށް ހީވަނީ ހުރިހާ އެންމެންގެ އަތްތަކާއި ބޯތަކާ ވެސް ކަނޑާފަހެން ހުންނާނީ، ހުސް ނުކުޅެދޭ މީހުން ދޯ ފެންނާނީ؟"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!