ސައުތު ކޮރެއާގެ ޑޭޓާ ޕްރޮޓެކްޝަން އޭޖެންސީއިން ފޭސްބުކުގެ މައި ކުންފުނި މެޓާ ޕްލެޓްފޯމްސްއަށް 21.62 ބިލިއަން ވޮން (15.67 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކަނޑައަޅައިފިއެވެ.
މި ޖޫރިމަނާ ކަނޑައެޅީ، އެ ކުންފުނިން ޤާނޫނީ ހުއްދައެއް ނެތި ޔޫޒަރުންގެ މަޢުލޫމާތު އެއްކޮށް، އިޝްތިހާރުކުރާ ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
ސައުތު ކޮރެއާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޓާއިން ގާތްގަނޑަކަށް 980،000 ސައުތު ކޮރެއާގެ ފޭސްބުކް ޔޫޒަރުންގެ ދީނާއި، ސިޔާސީ ވިސްނުމާއި، ޖިންސީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު، އެ ފަރާތްތަކުގެ ހުއްދަ ނެތި ހޯދާފައިވާ ކަމަށެވެ. އަދި މި މަޢުލޫމާތު 4،000 އަށްވުރެ ގިނަ އިޝްތިހާރުކުރާ ފަރާތްތަކަށް ދީފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނެފައިވަނީ، މެޓާއިން ޔޫޒަރުންގެ އާދަތައް ދިރާސާކޮށް، އެމީހުން ލައިކްކުރާ ޕޭޖުތަކާއި ކްލިކްކުރާ އިޝްތިހާރުތަކަށް ބަލައި، އިޝްތިހާރުކުރުމަށް ބޭނުންވާ ޚާއްޞަ މަޢުލޫމާތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޔޫޒަރުން ނޯތު ކޮރެއާއިން ފިލައިގެން އައި މީހުންގެ ގޮތުގައާއި، ވަކި ދީނަކަށް ނިސްބަތްވާ މީހުންގެ ގޮތުގައާއި، ޓްރާންސްޖެންޑަރ ނުވަތަ އެއްޖިންސުން ކައިވެނިކުރާ މީހުންގެ ގޮތުގައި ކެޓަގަރައިޒްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، މެޓާއިން ޔޫޒަރުންގެ އަމިއްލަ މަޢުލޫމާތު ބެލުމަށް އެދުމުން އެކަމަށް ދެކޮޅުހަދާފައިވާ ކަމަށާއި، ހެކަރުންގެ ސަބަބުން ސައުތު ކޮރެއާގެ ރައްޔިތުންގެ މަޢުލޫމާތު ލީކުވިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މެޓާ އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!