ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ ކަމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ކިންގްޑަމްގެ ބޮޑުވަޒީރު ކީރ ސްޓާމަރ، މިހެން ވިދާޅުވީ، އިސްރާއީލުގެ ޕާލަމެންޓުން ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ (އަންރުވާ) މަނާކޮށް، އދ ގެ އެހީތައް ހުއްޓުވުމާ ގުޅިގެންނެވެ.
އެހެންނަމަވެސް އިނގިރޭސިވިލާގުގެ ގްރީން ޕާޓީގެ ޕާލަމެންޓް މެންބަރު ކާލާ ޑެނިއަރ ވަނީ ބޮޑުވަޒީރު ސްޓާމަރަށް ގޮވާލައި، ޣައްޒާގެ ހާލަތު "ނަސްލު ހަލާކުކުރުން" ގެ ގޮތުގައި ސިފަކުރުމަށް އެދިފައެވެ. ނަމަވެސް، ސްޓާމަރ ވަނީ ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެކަން "ނަސްލު ހަލާކުކުރުން" ގެ ގޮތުގައި ސިފަކުރުމަށް އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ، "ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު އޭނާވެސް ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި. އެހެންނަމަވެސް، މިއީ ނަސްލު ހަލާކުކުރުމުގެ ޢަމަލެއް ކަމަށް ބުނުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. އެއީ ވަރަށް ސީރިއަސް ދަޢުވާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާލަމެންޓުން ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ މަނާކޮށް، އދ ގެ އެހީތައް ހުއްޓުވުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އިންސާނީ އެހީތެރިކަން ހުއްޓުމަކަށް އައުމުގެ ބިރު ވަނީ އުފެދިފައެވެ.
މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަޑުއުފުލަމުންދާއިރު، ޔޫކޭގެ ސަރުކާރުން މިހާތަނަށް ވަނީ ތަފާތު ރެސްޕޮންސްއެއް ދީފައެވެ. މި މައްސަލައިގައި ޔޫކޭގެ ސަރުކާރުގެ ސިޔާސަތު ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެތޯ ބަލަން ޖެހިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!