ރަޝިއާއިން އުތުރު ކޮރެއާއާއެކު ކުރަމުންދާ ސިފައިންގެ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް އެޤައުމުގެ އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވަސިލީ ނެބެންޒިޔާ ވިދާޅުވެއްޖެއެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުރިމަތީ ސަފުގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަމަށް ބުނާ ބުނުންތަކަކީ "ސީދާ ދޮގު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރު ނެބެންޒިޔާ ވިދާޅުވީ "ރަޝިއާއިން އުތުރު ކޮރެއާއާއެކު ސިފައިންގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުން ކުރަމުންދާ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް ކުރެވޭ ކަންކަން ކަމާއި، އެއީ އެ ޤާނޫނާ ޚިލާފު ކަމެއް ނޫން" ކަމަށެވެ. އަދި މިކަންކަމަކީ "ތިންވަނަ ޤައުމަކާ ދެކޮޅަށް އަމާޒުކުރެވިފައިވާ ކަންކަމެއްވެސް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މި ބި ބަޔާން އައީ އެމެރިކާއާއި ދެކުނު ކޮރެއާގެ ދިފާޢީ ވަޒީރުން އުތުރު ކޮރެއާގެ ސިފައިން ރަޝިއާއިން އަނބުރާ ގެންދިއުމަށް ގޮވާލި ދުވަހުއެވެ. އެމެރިކާއިން ބުނާ ގޮތުގައި އުތުރު ކޮރެއާގެ 10،000 އެއްހާ ސިފައިން ރަޝިއާގައި ވަނީ ޑިޕްލޯއި ކުރެވިފައެވެ. އަދި މި ސިފައިން ޔޫކްރެއިނާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާއިން ބުނެއެވެ.

ޕެންޓަގަންގައި ދެކުނު ކޮރެއާގެ ދިފާޢީ ވަޒީރު ކިމް ޔޮންގް-ހިއުންއާއެކު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވީ " އެ ސިފައިން ރަޝިއާއިން އަނބުރާ ގެންދިއުމަށް ގޮވާލަން" ކަމަށެވެ. އަދި ދެކުނު ކޮރެއާގެ ދިފާޢީ ވަޒީރު ވިދާޅުވީ އުތުރު ކޮރެއާގެ ސިފައިން "ވަގުތުން" އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ.

އޯސްޓިން ވިދާޅުވީ "އެމެރިކާއިން، ރަޝިއާއިން މި ސިފައިން ހަނގުރާމައިގައި ބޭނުންކުރުން ހުއްޓުވުމަށް ބައިވެރިންނާއި އެކުވެރިންނާއެކު މަސައްކަތްކުރާނެ" ކަމަށެވެ. ނަމަވެސް މޮސްކޯއިން މި ސިފައިން ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.