އޮސްޓްރޭލިއާއިން އިސްރާއީލަށް ކުރާ އަސްކަރީ އެކްސްޕޯޓް ހުއްދަތައް މުރާޖައާކުރަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ދިފާޢީ ވުޒާރާއިން ބުނީ ޣައްޒާއަށް އިސްރާއީލުން އަރައިގަތުމުގެ ކުރިން އިސްރާއީލަށް ދޫކޮށްފައިވާ 66 ހަނގުރާމަވެރި ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ މުރާޖަޢާކުރަމުންދާކަމަށެވެ.
ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މި ހުއްދަތައް ވަކިވަކިން ބަލައި، އޮސްޓްރޭލިއާގެ ބައިނަލްއަޤްވާމީ ޒިންމާތަކާއި އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން ދިފާޢީ ވުޒާރާއިން ވަޒަންކުރަމުންދާކަމަށް ބުނެފައިވެއެވެ.
"މެދުއިރުމަތީގެ ޙާލަތު ބަދަލުވަމުންދާއިރު، އޮސްޓްރޭލިއާއިން ކުރިން އިސްރާއީލަށް ދޫކޮށްފައިވާ އެކްސްޕޯޓް ހުއްދަތައް އޮސްޓްރޭލިޔާގެ ސިޔާސަތާ އެއްގޮތްތޯ ބަލަމުން ގެންދަން،" ދިފާޢީ ވުޒާރާގެ ނަން ހާމަނުކުރާ ބޭފުޅަކު ބުނެފައިވާކަމަށް ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މި މުރާޖަޢާ ކުރަމުންދަނީ އޮސްޓްރޭލިއަން ސެންޓަރ ފޮރ އިންޓަނޭޝަނަލް ޖަސްޓިސްއިން އޭޕްރީލް މަހު ދިފާޢީ ވަޒީރު ރިޗަޑް މާލްސްއަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ އިސްރާއީލަށް ފޯރުކޮށްދޭން އެކަށީގެންވާ އެހެން ޤައުމުތަކަށް ދޫކޮށްފައިވާ އެންމެހާ އެކްސްޕޯޓް ހުއްދަތައް ބާޠިލުކުރުމަށެވެ.
ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދީފައިނުވާކަމަށާއި، އެ ސިޔާސަތު ދަމމަހައްޓަމުންދާކަމަށް ކެންބެރާއިން ތަކުރާރުކޮށް ބުނަމުން ގެންދެއެވެ.
އެފް-35 ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިނަލްއަޤްވާމީ ސަޕްލައި ޗެއިނަށް ބައެއް ތަކެތި ފޯރުކޮށްދޭކަން ކެންބެރާއިން ދިފާޢުކޮށްފައިވާއިރު، އިސްރާއީލުން ވަނީ އެފް-35 މަތިންދާބޯޓު ޣައްޒާގައި ބޭނުންކޮށް، 42,600 އަށްވުރެ ގިނަ މީހުން މަރާލައި، އެ ސަރަޙައްދު ވީރާނާކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!