ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,000 އަށް އަރައިފިއެވެ.

ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,119 އަށް އަރައިފިއެވެ. އަދި މި ހަމަލާތަކުގައި 10,019 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad
rt

ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 36 މީހުން މަރުވެ، 150 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ތިމާވެށީގެ ވަޒީރު ނާސިރު ޔާސިން ވިދާޅުވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 137 ވައިގެ ހަމަލާ ދީފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 9,400 ހަމަލާ ދީފައިވާ ކަމަށެވެ.

"ގެދޮރު ގެއްލުނު މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް 990 މަރުކަޒު ހުޅުވާފައިވޭ. އޭގެ ތެރެއިން 781 މަރުކަޒު މިހާރު ވަނީ ފުރިފައި. މި މަރުކަޒުތަކުގައި 181,700 މީހުން ރަޖިސްޓްރީ ކުރެވިފައިވޭ،" ވަޒީރު ވިދާޅުވިއެވެ.

"ބޭރުގެ އެހީ ބަލައިގަނެ، އެކި ސަރަޙައްދުތަކުގައި ތިބި ގެދޮރު ގެއްލުނު މީހުންނަށް ސާފު އަދި ހާމަކަން ބޮޑު ގޮތެއްގައި އެ އެހީ ބެހުމުގެ މަސައްކަތް މިނިސްޓަރުންގެ ކުއްލި ޙާލަތު ކޮމިޓީން ކުރިއަށް ގެންދާނެ،" ވަޒީރު އިތުރަށް ވިދާޅުވިއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހިޒްބުﷲގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 އިން ފެށިގެން ލުބުނާންގެ އެކި ސަރަޙައްދުތަކަށް ބޮޑެތި ވައިގެ ހަމަލާތައް ދީފައިވެއެވެ.