އިސްރާއީލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން، ސީރިއާގެ 13,500 މީހުން ލުބުނާނު ދޫކޮށް ސީރިއާއަށް ގޮސްފައިވާކަމަށް ލުބުނާނުގެ އިންޓީރިއަރ މިނިސްޓަރު ބައްސާމް މައުލަވީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލަވީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން، ލުބުނާނުގެ 533 ވަގުތީ ހިޔާތަކުގައި މިހާތަނަށް 70,100 މީހުން ވަނީ ހިމާޔަތް ހޯދާފައެވެ. އަދި ލުބުނާނުގެ އިރުމަތީ ސަރަހައްދު ބެކާއާގައިވެސް ސީރިއާ މީހުންނަށް ޚާއްޞަކޮށްގެން ހިޔާވަހިކަމުގެ މަރުކަޒުތައް ޤާއިމުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ލުބުނާނުގައި 1.8 މިލިއަން ސީރިއާ ރެފިއުޖީން އުޅޭއިރު، އޭގެ ތެރެއިން 900،000 މީހުން ވަނީ އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގައި ރަޖިސްޓްރީ ވެފައެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގެ ދަށުން، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 640 މީހުން މަރުވެ، 2,500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި އިތުރު 9 ގައުމަކުން ވަނީ ބުދަ ދުވަހުގެ ރޭ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހިޒްބުﷲއަށް ގޮވާލާފައެވެ. އެއީ ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ 21 ދުވަހަށް ހުއްޓާލުމަށެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ހުއްޓުމަކަށް އެއްބަސްވެފައިވާ ކަމަށް ބުނާ މީޑިއާ ރިޕޯޓުތައް ދޮގުކޮށް، ލުބުނާނަށް ފުލް ބާރުގައި ހަމަލާދިނުމަށް ސިފައިންނަށް އަމުރުކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ "ހުރިހާ ލަނޑުދަނޑިތަކެއް ޙާޞިލްވަންދެން" ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ބޯޑަރު ހަނގުރާމަ ފެށުނީ އޮކްޓޯބަރު 7 ގައި އިސްރާއީލުން ޣައްޒާއަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 41،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ލުބުނާނަށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އިންޒާރުދީފައެވެ. އެއީ މިކަމުގެ ސަބަބުން ޣައްޒާގެ ހަނގުރާމަ ސަރަޙައްދީ ފެންވަރަކަށް ފުޅާވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.