ވަޓްސްއެޕްގެ ވީޑިއޯ ކޯލްގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އޭއާރު ފީޗާއެއް އިތުރުކޮށްފިއެވެ.
ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް ވާބެޓާއިންފޯގެ މައުލޫމާތު ދޭގޮތުގައި މި އައު އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ފީޗަރ ވަނީ އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓްގައި ހިމަނާފައެވެ. މި ފީޗަރގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އައު ވިޝުއަލް ޓޫލްތަކެއް މެދުވެރިކޮށް އެމީހުންގެ އިންޓަރެކްޝަންތައް އަމިއްލައަށް ބަދަލުކުރެވޭނެއެވެ.
ކުރިން މި އިފެކްޓްތައް ލިބެންހުރީ ހަމައެކަނި ވީޑިއޯ ކޯލްތަކުގައި ނަމަވެސް، މިހާރު ބޭނުންކުރާ ފަރާތްތަކަށް މި އިފެކްޓްތައް ކެމެރާ މެދުވެރިކޮށްވެސް ބޭނުންކުރެވޭނެއެވެ. އަދި ކެމެރާ އިންޓަފޭސްގައި އައު ފިލްޓަރ ބަޓަނެއް ތައާރަފުކޮށްފައިވާ ކަމަށް ވާބެޓާއިންފޯއިން ބުނެފައިވެއެވެ. މި ބަޓަނުން ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގެ ކުރިން ފިލްޓަރ ޖެހުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، އައު ފީޗަރތަކުގެ ތެރޭގައި ސްކިން ރީތިކޮށްދޭ ފިލްޓަރެއްވެސް ހިމެނެއެވެ. މި ފިލްޓަރުން ހަމުގައި ހުންނަ ކުލަތަފާތުވުންތަކާއި ފާޅުވާ އުނިކަންތައްތައް ކުޑަކުރެވޭނެއެވެ. އަދި ކުރިން ވީޑިއޯ ކޯލްތަކުގައި ބޭނުންކުރެވުނު ފަހަތުގެ މަންޒަރު ބަދަލުކުރެވޭ ފީޗަރވެސް މިހާރު ވަނީ ކެމެރާއަށް އިތުރުކޮށްފައެވެ. މީގެ އިތުރުން އަލިކަން ކުޑަ ތަންތަނުގައި ފޮޓޯ ނެގުމަށް ޚާއްސަ މޯޑެއްވެސް ތައާރަފުކޮށްފައިވެއެވެ.
މި ފީޗަރތައް މިވަގުތު ލިބެން ހުންނާނީ އެންޑްރޮއިޑް ބޭނުންކުރާ ބީޓާ ޓެސްޓަރުންނަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ޔޫޒަރުންނަށްވެސް މި ފީޗަރތައް ލިބޭނެކަމަށް ވާބެޓާއިންފޯއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!