މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މީސްމީޑިޔާގައި ވީޑިއޯއެއް ހިއްސާކުރައްވަމުން ނެވެ. "މާކަނާ ޝޯ" އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ވީޑިއޯއެކެވެ. މި ވީޑިއޯއާ ގުޅުވައިގެން ރައީސް ވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާފައެވެ.

Ad
rt

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ފަރުވާކުޑަވެގެން ހެދޭ ގޯހެއް ރަނގަޅުކުރުމަށް ދެވަނަ ފުރުޞަތެއް ނުލިބިދާނެ ކަމަށެވެ. "ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ!" މިހެން ވިދާޅުވެ ރައީސް ވަނީ މަގުމަތީގެ ރައްކާތެރިކަމުގެ މުހިންމުކަން އިތުރަށް ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެފައިވާކަމެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

ރައީސްގެ މި ގޮވާލެއްވުމާއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާއި ކަމާބެހޭ އިދާރާތަކުން އިތުރު ސަމާލުކަމެއް ދޭނެކަމަށް އުންމީދުކުރެވެއެވެ.