ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި އިތުރު 24 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،206 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 95،337 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއއިލާތަކަށް އަމާޒުކޮށް ހިންގި ތިން "ގަތުލުއާންމު" ގައި 24 މީހުން މަރުވެ، 57 މީހުން ޒަޚަމްވެފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

"ގިނަ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި. ސަލާމަތްކުރާ ފަރާތްތަކަށް އެ މީހުންނާ ހަމައަށް ދެވޭގޭގޮތް ވަނީ ނުވެފައި،" މިނިސްޓްރީން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަކަށްފަހު، އިސްރާއީލުން ވަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދޭން ފަށާފައެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުން ވަނީ މި ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ.

އިސްރާއީލުގެ މި ހަމަލާތަކާ ގުޅިގެން ޣައްޒާގެ އާބާދީގެ ގިނަ ބައެއް ވަނީ ނިކަމެތި ހާލުގައި ޖެހިފައެވެ. އަދި ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލާ ދެކޮޅަށް ނަސްލު ފޮހެލުމުގެ ދަޢުވާ އުފުލިފައިވެއެވެ.