ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް، 2027 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ޓްރިލިއަނެއަރ އަށް ވެދާނެ ކަމަށް އާ ދުނިޔޭގެ މުއްސަނދިކަމުގެ ރިޕޯޓެއްގައި ބުނެފިއެވެ.
ބްލޫމްބާގް ބިލިއަނެއަރސް އިންންޑެކްސްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މިހާރު 53 އަހަރުގެ މަސްކްގެ ސާފު މުދަލުގެ އަގަކީ 251 ބިލިއަން ޑޮލަރު (191 ބިލިއަން ޕައުންޑް) އެވެ. އިންފޯމާ ކަނެކްޓް އެކަޑަމީގެ ހޯދުންތަކުން ދައްކާ ގޮތުގައި، އޭނާގެ މުއްސަނދިކަން އަހަރަކު އެވްރެޖްކޮށް 110 އިންސައްތައިން އިތުރުވަމުން އަންނަ ކަމަށް ވެއެވެ.
މި ރިޕޯޓުގައިވާ ގޮތުން، މަސްކްގެ މުއްސަނދިކަން މިހާރު އިތުރުވަމުންދާ ރޭޓުގައި އިތުރުވަމުން ދާނަމަ، އަންނަ ތިން އަހަރުގެ ތެރޭގައި އޭނާ ޓްރިލިއަނެއަރެއްގެ ހިސާބަށް ވާސިލުވެދާނެއެވެ. "2024 ޓްރިލިއަން ޑޮލަރ ކްލަބް" ގެ ނަމުގައި ނެރެފައިވާ މި ރިޕޯޓުގައި، މަސްކްގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާގެ މާކެޓް ވެލިއު 669.3 ބިލިއަން ޑޮލަރު (509.7 ބިލިއަން ޕައުންޑް) ގައި ހުރި ކަމަށް ބުނެފައިވެއެވެ.
އިންފޯމާ ކަނެކްޓް އެކަޑަމީގެ މަޢުލޫމާތު ދައްކާ ގޮތުގައި، ޓެސްލާގެ ކުރިއެރުމުގެ ރޭޓަކީ އަހަރަކު 173.3 އިންސައްތައެވެ. މި ރޭޓުގައި ކުރިއަރަމުން ދާނަމަ، އަންނަ އަހަރު ޓެސްލާގެ އަގު އެކަނި ވެސް 1 ޓްރިލިއަން ޑޮލަރު (0.76 ޓްރިލިއަން ޕައުންޑް) އަށް އަރައިދާނެ ކަމަށް ލަފާކުރެވެއެވެ.
މި ރިޕޯޓުގައި އެންމެ މަތީގައި ޖެހިފައިވާ ދެ ކުންފުންޏަކީ މައިކްރޯސޮފްޓް (3.4 ޓްރިލިއަން ޑޮލަރު ނުވަތަ 2.6 ޓްރިލިއަން ޕައުންޑް) އާއި އެޕަލް (3.3 ޓްރިލިއަން ޑޮލަރު ނުވަތަ 2.5 ޓްރިލިއަން ޕައުންޑް) އެވެ. މި ދެ ޓެކްނޮލޮޖީ ކުންފުނި ޓްރިލިއަން ޑޮލަރުގެ ހިސާބަށް ވާސިލުވެފައިވަނީ 2019 އަދި 2018 ވަނަ އަހަރުއެވެ.
އިންފޯމާ ކަނެކްޓް އެކަޑަމީގެ އަންދާޒާގައި، އީލޮން މަސްކްގެ ފަހަތުން ޓްރިލިއަނެއަރަކަށް ވުމާ އެންމެ ކައިރިވެފައިވާ ފަރާތަކީ އިންޑިއާގެ ވިޔަފާރިވެރިޔާ ގައުތަމް އަދާނީއެވެ. އަހަރަކު 123 އިންސައްތައިގެ ކުރިއެރުމުގެ ރޭޓެއްގައި އޭނާގެ މުއްސަނދިކަން އިތުރުވަމުން ދާނަމަ، 2028 ވަނަ އަހަރު އޭނާ ވެސް ޓްރިލިއަނެއަރަކަށް ވެދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!