ޓައިވާނުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް ޗައިނާގެ މައްޗަށް ކޮށްފިއެވެ.

ޓައިވާނުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކުރި ތަޙްޤީޤަކުން ދައްކާގޮތުގައި، ޗައިނާގެ 8 ކުންފުންޏަކުން ޓައިވާނުގެ ޤާނޫނާ ޚިލާފަށް އެ ޤައުމުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

Ad
rt

މި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސަޕްލަޔަރެއް ކަމަށްވާ ނައުރާ ޓެކްނޮލޮޖީ ގްރޫޕް ހިމެނެއެވެ. ނަމަވެސް މި ކުންފުނިން މި ތުހުމަތު ދޮގުކޮށް، ޓައިވާނުގައި އެ ކުންފުނީގެ އޮފީސް ހުޅުވާފައިވަނީ އެ ޤައުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

ޓައިވާނަކީ ދުނިޔޭގެ ސެމިކޮންޑަކްޓަރ މާކެޓުގެ 68 އިންސައްތަ ހިއްސާކުރާ ޤައުމެވެ. އެހެންނަމަވެސް ޗައިނާއަކީ ޗިޕް އުފެއްދުމުގެ ޓެކްނޮލޮޖީއަށް އެންމެ ގިނައިން ހޭދަކުރާ ޤައުމެވެ. އެމެރިކާ، ޓައިވާން އަދި ދެކުނު ކޮރެއާ އެކުގައި ޚަރަދުކުރާ މިންވަރަށްވުރެ ގިނައިން ޗައިނާއިން މިކަމަށް ޚަރަދުކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސެމިކޮންޑަކްޓަރ އިކުއިޕްމަންޓަށް 50 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ޗައިނާއިން ރާވާފައިވެއެވެ.

މި މައްސަލައަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫނެވެ. މިއީ ޖިއޯޕޮލިޓިކަލް ގޮތުން ވެސް ވަރަށް މުހިންމު މައްސަލައެކެވެ. އެމެރިކާ އާއި ޗައިނާ ދެ ޤައުމުން ވެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައި ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމަކަށް ވުމަށް މަސައްކަތް ކުރަމުންދާއިރު، ޗިޕް އުފެއްދުމުގެ ދާއިރާ އިތުރަށް ފުޅާވެ، މި ދާއިރާގެ ތަޖުރިބާކާރުންނަށް ބޮޑެތި ފައިދާތައް ލިބޭނެ ކަމަށް ބެލެވެއެވެ.