އިސްރާއީލުގެ ނިއުކްލިއަރ ހަތިޔާރަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އީރާނުން އދ އަށްކަނޑައަޅާފައި ހުންނަވާ މަންދޫބު އާމިރު ސައިދު އިރަވާނި ވިދާޅުވެއްޖެވެ.
އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ވުމަށްޓަކާ، އިސްރާއީލުގެ ނިއުކްލިއާ ވަސީލަތްތައް ބައިނަލްއަގްވާމީ އޮބްޒާވަރުން ބަލަންޖެހޭ ކަމަށް އީރާނުން ވަނީ ގޮވާލާފައެވެ.
"މިހާރުގެ ހާލަތު ބިރުވެރި، އިސްރާއީލުން ދަނީ ސަރަހައްދީ ގައުމުތަކަށް ނިއުކްލިއާ ބިރު ދައްކަމުން، އިސްރާޢީލުގެ ނިއުކްލިއާ ހަތިޔާރަކީ ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި ސަލާމަތަށް ވެސް ބޮޑު ނުރައްކަލެއް،"
އީރާނުގެ މަންދޫބު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ (އެންޕީޓީ) އަށް "އެއްވެސް ޝަރުތަކާ ނުލައި" އިސްރާއީލުން އެއްބަސްވާން ޖެހޭ ކަމަށާއި، އެގައުމުގެ ހުރިހާ ނިއުކްލިއާ ފެސިލިޓީތަކެއް އައިއޭއީއޭގެ ފުލް ސްކޯޕް ސޭފްގާޑްސްގެ ދަށަށް ގެންނަން ޖެހޭ ކަމަށެވެ.
އިސްރާއީލުގައި 200 އާއި 400 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއާ ވޯހެޑް ހުރި ކަމަށް ލަފާކުރެވޭއިރު، ހުޅަނގު އޭޝިއާގައި އާންމު ނޫން ހަތިޔާރު ގެންގުޅޭ ހަމައެކަނި ގައުމަކީ އިސްރާއީލެވެ.
އެގައުމުގެ ނިއުކްލިއާ ފެސިލިޓީތައް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން އިންސްޕެކްޓް ކުރުމުގެ ހުއްދަ ނުދިނުމުގެ ބޭނުމުގައި އެންޕީޓީގައި ސޮއި ކުރުމަށް ވެސް އިސްރާއީލުން ވަނީ ދެކޮޅު ހަދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!