މިއަދު ލޮލުރޯގާއަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ލޮލުރޯގާއަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އުޅޭ ބައްޔެކެވެ. ކޮންމެ މަހަކުވެސް މި ބަލި ޖެހިގެން ކޮންމެވެސް މިންވަރަކަށް ރިޕޯޓުކުރެއެވެ.
ލޮލުރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އެކްސްގައި އިރުޝާދުތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން، އަދި ލޮލުގައި އަތްލުމާއި ލޯ އުނގުޅުމުން ދުރުހެލިވުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުވެއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ސިއްޙީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
އަދި ލޮލުރޯގާ ޖެހިއްޖެކަން ޔަގީންކުރާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ލޯ ހިރުވުމާއި، ލޮލުން ފެންއައުމާއި، ލޮލުގައި މަޑުހެދުމާއި، އަދި ލޯ ރަތްވުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!