އަޒަރްބައިޖާން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށްފައެވެ.

Ad
rt

އަޒަރްބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ކުރާ މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކޮންމެ ހުކުރު އަދި އާދީއްތަ ދުވަހަކު ރާއްޖެއަށް އަންނަ ދަތުރުތައް ކުރިއަށް ގެންދާއިރު، އެނބުރި ދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު އަދި ހޯމަ ދުވަހެކެވެ.

މި ހަ ގަޑިއިރުގެ ދަތުރަށް އެ އެއާލައިންސްއިން ބޭނުންކުރާނީ ބޮއިންގ 787 މަތިންދާބޯޓެވެ. ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަކީ 633 އެމެރިކާ ޑޮލަރެވެ.

އަޒަރްބައިޖާން އެއާލައިންސްއިން މިހާރުވެސް ދުނިޔޭގެ މަޝްހޫރު ގިނަ ސިޓީތަކަށް ދަތުރުތައް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ބެއިޖިންގ، ލަންޑަން، ބާސެލޯނާ، ޕެރިސް އަދި މިލާން ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.

އަޒަރުބައިޖާނަކީ މާގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ގައުމެއް ނޫނެވެ. ނަމަވެސް އަލަށް ފަށާ މި ދަތުރުތަކާ އެކު އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 22 ގައުމަކުން 42 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރިއެވެ.