ނައިޖީރިއާގެ އުތުރު-އިރުމަތީގައި ހުންނަ ޔޯބެ ސްޓޭޓްގެ މަފާ ރަށަށް ބޯކޯ ހަރާމް ޖަމާޢަތުން ދިން ހަމަލާއެއްގައި މަދުވެގެން 81 މީހުން މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ޔޯބެ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ޑުންގުސް އަބްދުލްކަރީމް ވިދާޅުވި ގޮތުގައި، 150 އަށްވުރެ ގިނަ ބޯކޯ ހަރާމްގެ މެންބަރުން 50 އަށްވުރެ ގިނަ އަދަދެއްގެ މޮޓޯސައިކަލުގައި އައިސް، ބަޑިތަކާއި އާރުޕީޖީތައް ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ފިހާރަތަކާއި ގެތައް އަނދައި ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާ ދީފައިވަނީ، މަފާ ރަށުގެ ރައްޔިތުން ބޯކޯ ހަރާމްގެ ދެ މެންބަރަކު މެރުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ނައިޖީރިއާގެ އުތުރު-އިރުމަތީގައި ވޭތުވެދިޔަ 15 އަހަރު ތެރޭގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
މަފާ ރަށުގެ އެއް ރައްޔިތެއް ކަމަށްވާ މޯދޫ މުޙައްމަދު ބުނި ގޮތުގައި މި ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އަދި ބައެއް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަދިވެސް ވަނީ ރަށުތެރޭގައި ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ރަށަށް ދިއުމަށް ބޭނުންކުރި މަގުމަތީގައި ޓެރަރިސްޓުން ބޮންތައް ވަޅުލާފައިވާކަން ފާހަގަކުރެވުނު ކަމަށާއި، އެ ބޮންތައް ނައްތާލެވިފައިވާ ކަމަށް ސިފައިންގެ އިސް އޮފިޝަލެއް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!