ޔުކްރެއިންގެ މެދުތެރޭގައި އޮންނަ ޕޮލްޓާވާ ސިޓީއަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 51 މީހަކު މަރުވެއްޖެއެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސިފައިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަމަލާގައި އިތުރު 200 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާއިރު، މި ހަމަލާ އަމާޒުކޮށްފައިވަނީ ސިފައިންގެ މުވާސަލާތީ އިންސްޓިޓިއުޓަކާއި އޭގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ.

Ad
rt

ޔުކްރެއިންގެ ސިފައިންގެ ބާރުތަކުން ވަނީ މި ހަމަލާގައި ސިފައިން ވެސް މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޔުކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި، މިސައިލް ހަމަލާގެ އިންޒާރު ލިބުމަށްފަހު ރައްޔިތުންނަށް ރައްކާތެރި ހިޔާތަކަށް ދެވޭވަރުގެ ވަގުތު ނުލިބުނެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވީ "ރަޝިޔާގެ އަނިޔާވެރިން" މި ހަމަލާއަށް އަގު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ދުރަށް ދަތުރުކުރާ މިސައިލް ހަމަލާތައް ދެވޭނެ ފަދަ ވައިގެ ދިފާޢީ ވަސީލަތްތައް ޔުކްރެއިންއަށް ބޭނުންވާ ކަމަށް އިތުރަށް ވިދާޅުވިއެވެ. ނަމަވެސް، މި ހަމަލާއާ ގުޅޭގޮތުން ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޔުކްރެއިންގެ ދިފާޢީ ވުޒާރާއިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ދިން ވަގުތު ޕޮލްޓާވާ މިލިޓަރީ ކޮމިއުނިކޭޝަންސް އިންސްޓިޓިއުޓްގައި ކިޔަވައިދިނުން ކުރިއަށްދިޔަ ކަމަށެވެ. ކުރިން ރަޝިޔާގެ މިލިޓަރީ ބްލޮގަރުން ބުނެފައިވަނީ އިންސްޓިޓިއުޓްގައި ބޭއްވުނު ސިފައިންގެ ޕަރޭޑެއްގައި ތިބި ކެޑެޓުންނަށް ހަމަލާ ދިން ކަމަށެވެ. ނަމަވެސް، ހަމަލާ ދިން ވަގުތު އެއްވެސް ޕަރޭޑެއް ނުބޭއްވޭ ކަމަށް ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.

ދިފާޢީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ހެނދުނު 09:08 ގައި އިންޒާރު ދިނުމުން އެންމެން ހިޔާތަކަށް ދިޔަ ކަމަށާއި، އިންޒާރު ދިނުމަށްފަހު މަދު މިނިޓުކޮޅެއްގެ ތެރޭގައި ގޮވުންތައް ފެށުނު ކަމަށެވެ.