މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މި މައްސަލަ ބަލަމުން ގެންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ކުރިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ތަސްލީމް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ. އެގޮތުން ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދަކާއި، ފިނޮޅު ކައިރިން ކަނޑުގެ އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ބަލާފައިވެއެވެ.
އެމްއެންޑީއެފުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން ތަސްލީމް ގެއްލުނީ މޫދަށް ކަމަށް ކަށަވަރު ނުވާ ކަމަށެވެ.
ތަސްލީމްގެ އާއިލާއިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެއްލިގެން ހޯދަމުންދާކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ. އާއިލާއިން އެދިފައިވަނީ ތަސްލީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7433331 އަށް ގުޅައި އާއިލާއަށް މައުލޫމާތު ފޯރުކޮށް ދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތަސްލީމް މުހައްމަދު އަކީ މާލެ ސިޓީ ކައުންސިލުގައި އިލެޓްރީޝަނަކަށް މަސައްކަތް ކުރާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!