ރަޝިޔާގެ ރައީސް ވްޑިމީރު ޕުޓިން، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ މެންބަރު ޤައުމެއް ކަމުގައިވާ މޮންގޯލިއާއަށް ސެޕްޓެމްބަރު 3 ވަނަ ދުވަހު ޒިޔާރަތްކުރައްވާނެ ކަމަށް ކްރެމްލިންއިން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

ޕުޓިންގެ މި ދަތުރުފުޅުގައި މޮންގޯލިއާގެ ރައީސް އުޚްނާގީން ޚުރެލްސުޚްއާ ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށާއި، ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ad
rt

އައި.ސީ.ސީއިން ޕުޓިންގެ މައްޗަށް ހައްޔަރުގެ އަމުރެއް ނެރެފައިވާއިރު، މޮންގޯލިއާއަކީ އައި.ސީ.ސީގެ މެންބަރު ޤައުމަކަށް ވުމާ ގުޅިގެން މި ދަތުރުފުޅާ މެދު ކަންބޮޑުވުމެއް އޮތްތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވިދާޅުވީ މިކަމާ މެދު "އެއްވެސް ކަންބޮޑުވުމެއް" ނެތް ކަމަށެވެ.

އައި.ސީ.ސީއިން 2023 ވަނަ އަހަރުގެ މާރިޗު މަހު ޕުޓިންގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ ޔުކްރެއިންގައި ހިންގި ކުށްތަކާ ގުޅިގެންނެވެ. މޮންގޯލިއާއަކީ އައި.ސީ.ސީގެ މެންބަރުކަން ލިބިފައިވާ 124 ޤައުމުގެ ތެރެއިން އެއް ޤައުމެވެ.