ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ ހަމަލާތައް ޣައްޒާއިން ބޭރަށް ގޮސްގެން ނުވާނެ ކަމަށާއި، ޣައްޒާގައި ވެސް ފެނިގެންދިޔަ ބޮޑު ގަތުލުއާންމު އެހެންތަނެއްގައި ތަކުރާރުވެގެން ނުވާނެ ކަމަށް ބުނެފައެވެ.
މި އިންޒާރު ދީފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދަނިކޮށެވެ. މި އޮޕަރޭޝަނުގެ ފުރަތަމަ ދުވަހު އަންގާރަ ދުވަހު އެކަނިވެސް މަދުވެގެން ފަލަސްތީނުގެ 11 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
އަނެއްކޮޅުން އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ ޣައްޒާގައި މުވައްޒަފުން އެއްތަނުން އަނެއްތަނަށް ގެންދިއުން ހުއްޓާލާފައެވެ. އެޖަމިއްޔާއިން އެގޮތަށް ނިންމީ އެ ޖަމިއްޔާގެ އިންސާނީ އެހީގެ އުޅަނދަކަށް އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓެއްގައި މަދުވެގެން 10 ފަހަރު ވަޒަން އަރާފައިވާތީ ކަމަށް އެޖަމާއަތުން ބުނެއެވެ.
އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތަކުގައި ޑެއިރް އަލް-ބަލާހުގެ އިރުމަތީގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް ވެސް ހަމަލާދީ، ފަލަސްތީނުގެ އިތުރު 8 މީހުން ޝަހީދުކޮށްލައިފައިވެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 40,534 މީހުން މަރުވެ، 93,778 މީހުން ޒަޚަމްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!