ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމި ނިންމުމާ ގުޅުވައިގެން ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅު ފަރާތްތަކަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފި އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުޢާމަލާތްތައް އެއްކޮށް ހުއްޓާލައި، ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރަން އެ ބޭންކުން އިއްޔެ ނިންމި ވަގުތު، އިދިކޮޅު ފަރާތްތަކުން ޤާނޫނީ ވެރިކަމެއް ވައްޓާލަން މަސައްކަތްކުރި ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.
"އެ ނިންމުން ނިންމި ވަގުތު ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދިޔުމާއި ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ 'ބޮޓް އެކައުންޓު' ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވަމުންދިޔަ،"
ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!