އިލެކްޓްރިކް އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަމުންދާ ކުރިއެރުންތަކާ އެއްހަމައެއްގައި ދެމިތިބުމާއި ތިމާވެށްޓާ ރައްޓެހި އުޅަނދުފަހަރަށް އޮންނަ ޑިމާންޑް އިތުރުވަމުންދާތީ، އެފަދަ އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކަށާއި، ބޭނުންކުރަން ގަސްތުކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމެވެ.

މި ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ހެޑް އޮފީހާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މާލޭ ސިޓީ ކައުންސިލާ މަޝްވަރާކުރެވި، އެ ފަރާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށްވެސް އަލްފާޟިލް ފަހުމީ ފާހަގަކުރެއްވިއެވެ.

ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި ސްޓޭޝަނުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުފަހަރުވެސް ޗާޖްކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.