ވިންޑޯސް ކޮމްޕިއުޓަރުތައް އާންމު ގޮތުގައި ބޫޓުވުމުގެ ބަދަލުގައި ބިޓްލޮކަރ ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފިއެވެ. މި މައްސަލަ ދިމާވެފައިވަނީ އެންމެ ފަހުން ނެރުނު ސެކިއުރިޓީ އަޕްޑޭޓާ ގުޅިގެންނެވެ.
ބިޓްލޮކަރ އަކީ ބައެއް ވިންޑޯސް ވާޝަންތަކުގައި ހިމެނޭ، މުޅި ޑިސްކް އެންކްރިޕްޓް ކުރުމުގެ ފީޗަރެކެވެ. މި ފީޗަރ ފަރުމާކޮށްފައިވަނީ މުޅި ވޮލިއުމް އެންކްރިޕްޓްކޮށްގެން، ހެކަރުން ނުވަތަ ހުއްދަނެތް ފަރާތްތަކުން ޑިވައިސްގައިވާ މަޢުލޫމާތު ބޭނުންކުރުން ހުއްޓުވުމަށެވެ.
މައިކްރޯސޮފްޓުން ބުނާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ 9 ޖުލައި 2024 ގައި ނެރުނު ސެކިއުރިޓީ އަޕްޑޭޓާ ގުޅިގެންނެވެ. ޚާއްޞަކޮށް ޑިވައިސް އެންކްރިޕްޝަން ފީޗަރ އެނޭބަލްކޮށްފައިވާ ޔޫޒަރުންނަށް މި މައްސަލަ ކުރިމަތިވެފައިވެއެވެ.
މި މައްސަލަ ދިމާވެފައިވާ ވިންޑޯސް ވާޝަންތަކުގެ ތެރޭގައި ވިންޑޯސް 11 އާއި ވިންޑޯސް 10 ގެ އެކި ވާޝަންތަކާއި، ވިންޑޯސް ސާވަރ 2022 އިން ފެށިގެން ވިންޑޯސް ސާވަރ 2008 އަށް ހުރި ވާޝަންތައް ހިމެނެއެވެ.
މައިކްރޯސޮފްޓުން މިހާރު މި މައްސަލަ ހައްލުކޮށްދީފައިވާތީ، އަޕްޑޭޓް ކުރުމުން ކޮމްޕިއުޓަރުތައް އާންމު ގޮތަށް ބޫޓުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!