ކ. ހިންމަފުށީގައި އުރީދޫން ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ހޮވިއްޖެއެވެ.
ސިފްކޯއަށް އެއްވަނަ ލިބުނީ 999 ޕޮއިންޓާ އެކުގައެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 807 ޕޮއިންޓާ އެކު "ގޯޅިއަންސް" ސްޕޯޓްސް ކްލަބެވެ. މި މަސްރޭހުގައި 608 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ހޯދީ ޑިޓިއުން ފިޝިންއެވެ.
އުރީދޫގެ މި ފަހަރުގެ މަސްރޭހުގައި އެންމެ ބަރު މަސް ބޭނުމުގެ ރެކޯޑު ހެދީ ހުސެއިން ނައީމެވެ. އެއީ 37 ކިލޯގެ ފާނައެއް ބާނައިގެންނެވެ.
މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ ގޯޅިއަންސް ސްޕޯޓްސް ކްލަބުގެ ހަސަން އައްޒާމެވެ. އަދި އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޑިޓިއުން ފިޝިންގެ ފާތިމަތު ފެޒްލީނެވެ.
އުރީދޫން ބުނީ މި ފަހަރުގެ މަސްރޭހުގެ ފެށުން ވަރުގަދަ ވެފައި ފޯރިވެސް ގަދަކަމަށެވެ. ކުރިއަށް އޮތް ދެ ރޭހަކީ ވެސް މި ފަދަ ފޯރިގަދަ ރޭހަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މަސްރޭހުގެ ދެން އޮތް ދެ މުބާރާތް ބާއްވާނީ ޅ. ނައިފަރާއި ގދ. ތިނަދޫގައެވެ. ނައިފަރުގައި މުބާރާތް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ތިނަދޫގައި މުބާރާތް އޮންނާނީ މި މަހުގެ 23 ގައެވެ.
މަސްރޭހުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ.
އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފައެވެ. އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފައެވެ.
މިއީ އުރީދޫން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މަސްރޭހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!